ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، ރަންޔޫބީލްގެ މުނާސަބަތުގައި، އެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެވޯޑުތައް އަރުވައިފިއެވެ.
ކްރޮސްރޯޑްސްގައި މިކަމަށްޓަކައި ބޭއްވި މި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން، ނާއިބު ރައީސް ފައިސަލް ނަސީމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަފްލާގައި އަގުވަޒަންކުރި ފަރާތްތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގާއި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި، އެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުން، އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ކުންފުނިތަކާއި، ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވާ ސަރުކާރުގެ އިދާރާތައް އަދި، ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އަގުވެސް ވަނީ ވަޒަންކޮށްފައެވެ.
އެގޮތުން ރައީސް އެވޯޑް ހަވާލުކޮށްދެއްވި ބައެއް ފަރާތްތަކުގެ ތެރޭގައި މަޓީގެ ސެކްރެޓްރީ ޖެނެރަލް އަހްމަދު ނަޒީރުއާ ނެޝެނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ނަޝީދާއި ނެޝެނަލް ބޯޓިންގް އެސޯސިއޭޝަންގެ ބޯޑް މެމްބަރު އާދަމް ޒުބައިރުއާ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސްގެ ރައީސް ޔޫސުފް ރިފްއަތުއާ މޯލްޑިވްސް އެލަޔަންސް އޮފް ޓުއަރ އޮޕަރޭޓާސްގެ ރައީސް ޑރ. ޝާއްމާ އަބްދުލް ހަމީދު ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސްގެ ރައީސް މުހައްމަދު ނަޝީދުއާ މަޓާޓޯގެ ރައީސް ރައީސް އަބްދުﷲ ޤިޔާސްއާ ހިމެނިވަޑައިގަންނަވައެވެ.
ނާއިބުރައީސް ފައިސަލް ނަސީމް އެވޯޑް ހަވާލުކޮށްދެއްވީ ޓޫރިޒަމް ޕާސަނަލިޓީޒްގެ ކެޓަގަރީން އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށެވެ. ބައެއް ބޭފުޅުންގެ ތެރޭގައި މުހައްމަދު ނަސީމްއާ އާމިރް މަންސޫރްއާ އަބްދުﷲ ސުއޫދު، އަމިނަތު އާސިމާ ސަލީމް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ގިނަ ހަރަކާތްތަކެއް މި ހަފުތާއާއި، އަންނަ ހަފުތާއަށް ވަނީ ރޭވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.