ކ. މާލެ
|
28 ސެޕްޓެންބަރ 2022 | ބުދަ 16:00
ރައީސް ހއ. ދިއްދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސް ހއ. ދިއްދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ހއ. ދިއްދޫ ކައުންސިލާ ބައްދަލުކުރެއްވުން
ދިއްދޫގެ ތަރައްގީއާ ގުޅޭ ގިނަ ކަންކަން މިސަރުކާރުން ހިންގާތީ ކައުންސިލުންއެކަން ފާހަގަކޮށްފި
ދިއްދޫގައި މިހާރުވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާކަމާއި، ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރެއްވި
ކުނބުރުދޫގެ މަސައްކަތް ނިމި، ކުނި މެނޭޖްކުރެވޭނެ ވަސީލަތްތައް ގާއިމުކުރެވި އެ މަސައްކަތް ފެށުމަކީ ދިއްދޫގެ ކުނީގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައއކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހއ. ދިއްދޫގައި ހުންނަ އަތޮޅުގެ ގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލަރުން ވަނީ، ދިއްދޫގައި މިހާރުވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާކަމާއި އަދި، ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. ދިއްދޫގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ އިތުރު ކަންކަމުގެ ތެރޭގައި; ހއ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ ގޮތެއް ހޯދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. 

މިބައްދަލުކުރެއްވުމުގައި، ދިއްދޫ އ.ތ.މ ކޮމިޓީން ވަނީ، އެކޮމިޓީ ހިންގުމަށް ހުރި އިދާރީ ދަތިތަކާއި، އަންހެނުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ ކަސްރަތު ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ދިއްދޫ ކައުންސިލް އިދާރާއަކީ ވަރަށް ގިނަ ދުވަސްވީ ޖާގަ ދަތި ޢިމާރާތެއްކަން ފާހަގަކުރައްވައި، ކައުންސިލްގެ ބަޖެޓުން ހޭދަކޮށްގެން، ކައުންސިލްއިދާރާގެ ޖާގަ ބޮޑުކުރުމަށް މަޝްރޫއެއް ހިންގުމަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލް މެމްބަރުން ވަނީ، ދިއްދޫ ކައުންސިލްގެ އިޚްތިޞާޞާ ގުޅޭގޮތުންނާއި، ވެހިކަލް ފީ ކައުންސިލަށް ލިބެމުން ނުދާކަމާއި، އަދި މާލީ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި، މިސަރުކާރު ވެރިކަމަށް އައިފަހުން، ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދު އިތުރުކޮށްފައިވާކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. ދިއްދޫގެ ކައުންސިލް މެމްބަރުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެހިކަލް ފީ ކައުންސިލަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް، މަސައްކަތްކުރައްވަމުންދާކަމަށެވެ.

މީގެ އިތުރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނބުރުދޫގައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އެ މަސައްކަތް ނިމި، ކުނި މެނޭޖްކުރެވޭނެ ވަސީލަތްތައް ގާއިމުކުރެވި، އެ މަސައްކަތް ފެށުމަކީ ދިއްދޫގެ ކުނީގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. 

މިބައްދަލު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިއްދޫގައި ހުންނަ، ހއ އަތޮޅު ހޮސްޕިޓަލަށާއި، ހއ އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. 

ދިއްދޫއަކީ ހއ އަތޮޅުގެ ވެރިކަންކުރާ ރަށަށް ވުމާއެކު ރަށުގެ ތަރައްގީއަށް މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިންގި، އަދި މިހާރުވެސް ބައެއް މަޝްރޫއުތައް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ދިއްދޫގެ ބަނދަރުގެ މަސައްކަތާއި، އާ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫއާއި، ޖޫނިއަރ ކޮލެޖާއި އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

- ކޮމެންޓް