ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 13:51
ތާރީޚީ އިލްމު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ޑީޑީ
ތާރީޚީ އިލްމު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ޑީޑީ
ރާއްޖެއެމްވީ
ގައުމީ ދުވަސް
އިނގިރޭސިންގެ ހިމާޔަތުގައި އޮތްއިރަށްވުރެ އިނގިރޭސި ބަހުގެ ނުފޫޒު މިހާރު ބޮޑު: ޑީޑީ
ބަހަކާ މެދު ފަހުރުވެރިވާ ކަމަށްވާނަމަ ދިވެހިންނަށްވުރެ ވަކިން ބޮޑަށް އެކަމަށް ފަހުރުވެރިވާންޖެހޭ ބައެއް ނެތް

މިއަދު އިނގިރޭސިބަހުގެ ނުފޫޒު ދިވެހިންގެ ތެރޭގައި އިނގިރޭސިންގެ ހިމާޔަތުގައި އޮތް ދުވަސްވަރަށްވުރެވެސް މާބޮޑު ކަމަށް ތާރީޚީ އިލްމު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ޑީޑީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ދިވެހިން ދިވެހި ބަހާއި ދިވެހި ތާރީޚާއި ދިވެހި ވަންތަކަމާއި ދުރަށްދާ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމަކަށް ބަލާލިނަމަވެސް ކޮންމެ ބަޔަކުވެސް އުޅެނީ އެބަޔެއްގެ އަމިއްލަވަންތަކަން އެހެން ބަޔަކަށް ދެއްކޭތޯކަމަށެވެ. ނަމަވެސް ދިވެހިން އެއާ މުޅިން ތަފާތުކަމަށް ޑީޑީ ވިދާޅުވިއެވެ. ދިވެހިންނަށް ހީވަނީ ރާއްޖޭގައި ހިނގާ ކަންކަމަކީ ވަރަށް ކަޓު ބޯދާ ކަންކަންކަމަށް ޑީޑީ ވިދާޅުވިއެވެ.

އެހެން ގައުމުތަކުގައި ބޯދާ ކަމެއްވިއްޔާ އެކަމެއް ދެމެހެއްޓޭތޯ މަސައްކަތްކުރާކަމަށާއި ނަމަވެސް ދިވެހިން އަމަލުކުރަނީ އެކަމެއް ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށްކަމަށް ޑީޑީ ވިދާޅުވިއެވެ. އެގޮތަށް ކަންކުރާއިރު ގިނަ ފަހަރަށް އެކަމެއް ބަދަލުވެފައިއޮންނަނީ އިނގިރޭސި ނަމަކަށްކަމަށް ޑީޑީ ވިދާޅުވިއެވެ.

އިނގިރޭސި ބަހުގެ ނުފޫޒު އަޅުގަނޑުމެންގެ ތެރޭގައި އޮތް މިންވަރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތްއިރަށްވުރެ އަދި އޭގެ ކުރީގައި އިނގިރޭސިން ރާއްޖޭގެ މައްޗަށް ބާރު ހިންގަމުންދިޔަ ދުވަސްވަރަށްވުރެ މާބޮޑު. އެދުވަސްވަރު ދެތިން ހަތަރު މީހެއް އިނގިރޭސިބަހުން ކިޔަވައިގެން ތިބީ. އެމީހުން ތަރުޖަމާނުން ގޮތަށް. އެކަމަކު އަޅުގަނޑުމެން ބަލާ ޗައިނާއަށް ހިނގައްޖިއްޔާ ޗައިނާ ބަހުން ވާހަކަދައްކަނީ. ޗައިނާ ބަހުން ލެކްޗަރ ދެނީ. ޗައިނާ ބަހުން ކިޔަވަންޖެހެނީ
މުހައްމަދު ޑީޑީ

ބަހަކާ މެދު ފަހުރުވެރިވާ ކަމަށްވާނަމަ ދިވެހިންނަށްވުރެ ވަކިން ބޮޑަށް އެކަމަށް ފަހުރުވެރިވާންޖެހޭ ބައެއް ނެތްކަމަށް ޑީޑީ ވިދާޅުވިއެވެ. ފަސްލައްކަ އެއްހާ މީހުން އެކަނި ވާހަކަދައްކާ ބަހަކާއި އަކުރެއް އޮތުމަކީ ފަހުރުވެރިވާންޖެހޭކަމެއް ކަމަށް ޑީޑީ ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ތާރީޚު މިހާރަށްވުރެ ބޮޑަށް ކިޔަވާކުދިންނަށް އުނގަންނައިދިނުމަށް އެތަކެއްޗާ ހަމައަށް ވާސިލުވެވޭނެ ފަސޭހަގޮތްތަކެއް ހުންނަންޖެހޭކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި ދިވެހި ބަހުން ކިޔަވައިދިނުން ފަދަ ކަންކަމަށް ސިޔާސަތު އެކުލަވާލާ ހިސާބުން އެއްބާރުލުންދީ އެކަންކުރަންޖެހޭކަމަށް ޑީޑީ ވިދާޅުވިއެވެ.

- ކޮމެންޓް
27 ސެޕްޓެންބަރ 2022 | އަންގާރަ 21:21
އަލީބަލީ
ރަނގަޅު ވާހަކައެއް. މި ބޯހިމެނުމުގައި ތިޔައެއް ބަލާލިނަމަ އެނގުނީސް. އެބައުޅޭ ހާާ ށަވިޔަނި ކިޔަން ނޭންގޭ ޒުވާނުން، އެކަމަކު އިނގިރޭސި ބަހުން އަމުނާލާ..