ކ. މާލެ
|
10 ޖުލައި 2024 | ބުދަ 14:58
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަން އިނގިރޭސި ބަހުން ލިޔެ އެއަރޕޯޓަށް ވަންނަ މަގުގައި ހަރުކޮށްފައި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަން އިނގިރޭސި ބަހުން ލިޔެ އެއަރޕޯޓަށް ވަންނަ މަގުގައި ހަރުކޮށްފައި
އެމްއޭސީއެލް
ގައުމީ ބަހަށް އިސްކަންދިނުން
ސަރުކާރުން ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާއި ހިލާފުވެއްޖެ
ދިވެހި ބަހަށްވުރެ އިނގިރޭސި ބަހަށް އިސްކަންދީފައިވޭ
ނަންބޯޑު ހަރުކޮށްފައި އިނީ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ 5 ވަނަ މާއްދާ އާ ހިލާފަށް

ސަރުކާރުން ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާއި ހިލާފުވެއްޖެއެވެ.

ސަރުކާރުން މި ގާނޫނާއި ހިލާފުވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބުރިޖައި ހައިވޭއިން އައިސް ވަންނަން އިންނަ މަގުގައި ހަރުކޮށްފައި ހުރި އެއަރޕޯޓުގެ ނަންބޯޑުގައި ބޮޑު އަކުރުން އިނގިރޭސީ ބަހުން ލިޔެފައި އިނުމުންނެވެ.

ގާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ގައުމީ ބަހަށްއިސްކަންދިނުމުގެ ގަނޫނު) ގެ 5 ވަނަ މާއްދާއަކީ ނަން ކިޔުމާއި ގުޅޭ މާއްދާއެވެ.

މި މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގަ އާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެއެވެ. އަދި (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތާނގެ ނަން ނުވަތަ ނަމުގެ މާނަ އެތަނެއްގެ ނަމުގެ ތިރީގައި ނުވަތަ ނަމުގެ ވާތްފަރާތުގައި އެހެންބަހަކުން ނުވަތަ ބަސްތަކަކުން ލިޔެފައި ހުރުމަކީ މި ގާނޫނު މަނާކުރާކަމެއް ނޫނެވެ.

Advertisement

މީގެ އިތުރުން މި މާއްދާގެ (ނ) ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމަށެވެ. އަދި މި މާއްދާގެ (ރ) ގައި ބުނެފައިވަނީ މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށްވުރެ ބޮޑުވެގެންނުވާނެއެވެ.

އެހެންކަމުން ގާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ގައުމީ ބަހަށްއިސްކަންދިނުމުގެ ގަނޫނު) ގެ 5 ވަނަ މާއްދާ އާއި ސަރުކާރުން މިވަނީ ހިލާފުވެފައެވެ. މި މާއްދާގެ (ހ) އަދި (ރ) ގައި ބުނެފައިވާ ގޮތާއި ހިލާފަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަންބޯޑު ޖަހާފައިވަނީ ހަމައެކަނި އިނގިރޭސީ ބަހުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ ދިވެހި ބަހާއި ގައުމިއްޔަތު ދިރުވާނެ ކަމުގެ ވައުދާއެކުއެވެ. އަދި އެކަމަށް ވަކި މިނިސްޓްރީއެއް އުފައްދާ، ސިޔާސީ އެތައް މަގާމަށް މީހުން އައްޔަންކޮށްފައި ވާއިރު، މިހާތަނަށްވެސް ދިވެހި ބަސް ދިރުވާ އާލާކުރުމަށް ބޮޑު މަސައްކަތެއް ކޮށްފައި ނުވެއެވެ.

ދިވެހި ގައުމިއްޔަތު ދިރުވަން އައި ސަރުކާރުން، ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު އަސާސް ކަމުގައިވި ދިވެހި ބަހަށް އިސްކަން ނުދީ، އެކަމަށް ޓަކައި ހަދައިފައިވާ ގާނޫނަށް ވެސް ތަބާ ނުވުމުން މި އެނގެނީ ދައްކާ ވާހަކައާ ކަންކުރާ ގޮތާ ދިމާނުވާ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް