ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރްގެ މައްޗަށް އިތުރު 40 ދައުވާ އުފުލާފައިވާއިރު، އެ ހުރިހާ ދައުވާއަކަށްވެސް އޭނާ އިއުތިރާފުވެއްޖެއެވެ.
މި މައްސަލައިގައި ހޮނިހިރު ދުވަހު ބޭއްވުނު އަޑުއެހުމުގައި މި 40 ދަޢުވާއަށްވެސް އެމްޑީ އަލަމްގިރް ވަނީ އިޢުތިރާފުވެފައެވެ. ވުމާއެކު، ދެން އޮންނާނީ އަވަސްނިޔާއިން މައްސަލަ ނިންމެވުންކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އެ އަޑުއެހުން 28 ސެޕްޓެންބަރު 2022 ދުވަހު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާގެ މައްޗަށް، އިތުރު 40 ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ 2022 ސެޕްޓެންބަރު 17 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅި އެ ދައުވާތަކަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ބ)ގެ 2 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާފައިވާ، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެވެ.
އަލަމްގީރްގެ މައްޗަށް ކުރާ މި ދައުވާތައް ސާބިތުވެއްޖެނަމަ އެއިން ކޮންމެ ދައުވާއަކާ ގުޅިގެން އޭނާއަށް 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އޭނާ އިއުތިރާފުވެފައިވާތީ އޭނާއަށް އަންނާނެ އަދަބަކީ ކޮންމެ ދަޢުވާއަކަށް 27 ދުވަހުގެ ޖަލު ޙުކުމްކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
އަލަމްގީރްގެ މައްޗަށް ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އުުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 އޮގަސްޓު 2022 ވަނަ ދުވަހުއެވެ.
އޮގަސްޓް މަހު ކްރިމިނަލްކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. ދައުވާއަށް އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް ނުވަތަ ނުފޫޒެއް ނެތިކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފައެވެ. އެހެންކަމުން އަލަމްގީރްގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.
އަލަމްގީރުގެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ، އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. އޮގަސްޓްމަހުގެ 31 ވަނަ ދުވަހު މި މައްސަަލައިގެ ހުކުމް ކުރިމަށް ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އޭނާ 7 މަހާއި 6 ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރައްވާފައެވެ. އަދި އޭނާއަށް ޝަރީއަތުން ވަނީ ތައުބާ ލައިދީފައެވެ.