މިއީ އެމްޕީއެލްގެ އަހަރީ ދުވަހުގެ ޖަލްސާއެއްގައި ރައީސަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ 36 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ހަފްލާގައި ރައީސްގެ އިތުރުން ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތުމުން އެއީ ޖަލްސާއަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީ 95 އިންސައްތަ އެތެރެ ކުރެވެނީ ކަނޑުމަގުން ކަމަށްވާއިރު ޒަމާނީ ވަސީލަތްތަކާއި ހުނަރުވެރި ޤާބިލް މުވައްޒަފުން ބިނާކުރުމަށް ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށެވެ.
މާލެ ކޮމާޝަލް ހާބަރުގައި ހަދާފައިވަނީ ކޮންޓެއިނަރު ޓާމިނަލެއް ނޫން ކަމަށާއި ރާއްޖެއަށް އަންނަ ކޮންޓެއިނަރުގެ އަދަދާއި ބޯޓު ފަހަރުތައް ބޮޑުވުމުން ރާއްޖެއަށް އެތެރެ ކުރެވޭ މުދާ ބޭލުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެންމެ ބޮޑަށް ދިމާވާ ދަތިކަމަކީ ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ނެތުން ކަމަށާއި މަގަތު ފާލަމާ ކައިރި ކުރެވެނީ ފަހަރަކު ބޯޓަކަށްވުމުންނާއި ކޮންޓެއިނަރ އަރުވާ ބާލަން ބޭނުންކުރާ އުޅަނދުތައް މަދުވުމާއި ބާ ވުމުގެ ސަބަބުން ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅީފަޅުގައި އައު ބަނދަރު ހެދުމާއި ހަމައަށް ވެސް ކުންފުނިން ދެމުންދާ ޙިދުމަތްތައް އެކަށީގެންވާ މިންވަރެއްގައި ހިފައްޓާ، ހުރި ވަސީލަތްތަކާއެކު ޙިދުމަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ވެސްލް ފްލީޓް އިތުރުކުރުމަށް 2019 ވަނަ އަހަރުން ފެށިގެން 145 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ ފްލީޓް އައު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އިތުރު އެއް ޓެގާއި ދެ ބާޖާއި ފަސް ފޯކް ލިފްޓާއި ހަތަރު ރީސްޓެކް ގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އުންމީދު ކުރައްވަނީ މިއަހަރުގެ ރޯދަމަހުގެ ކުރިން މިތަކެތި ލިބި، ބޭނުންކުރަން ފެށުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތްތައް ކުރައްވަމުންދާ ކަމަށާއި ހުޅުމާލެ ޕޯޓަށް ވަގުތީ ބިމެއް މިދިޔަ އަހަރު އިތުރު ކުރެވިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޕީއެލްގެ މުވައްޒަފުންނަށް ފްލެޓް ދޭ މަޝްރޫއަކީ ވިޔަފާރީގެ ފައިދާގެ ގޮތުގައި ހިންގާ މަޝްރޫއެއް ނޫން ކަމަށާއި ފްލެޓްތައް އަމިއްލަ ކުރުމަށް މުވައްޒަފުންނަށް ދީފައިވާ ފުރުސަތުތަކަކީ އެހެން ހައުސިންގ ސްކީމްތަކާއި އަޅާބަލާއިރު ލުއި ގޮތްތަކެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.