ކ. މާލެ
|
24 ސެޕްޓެންބަރ 2022 | ހޮނިހިރު 19:12
ހަނިމާދޫ އެއަރޕޯޓުގެ ތަސައްވުރު
ހަނިމާދޫ އެއަރޕޯޓުގެ ތަސައްވުރު
ސޯޝަލް މީޑިއާ
ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުން
ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލެއިން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް – އަމީރު
މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށަށް އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްގީއަކީ ކުރިއަށްވުރެ ބޮޑު، އަދި ވަށާޖެހޭ ތަރައްގީއެއް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކުރުމަށް ވަނީ ހަމަޖެހިފައި
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް

ހަނިމާދޫ އިންރޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީގެ މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލެއިން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓްކަމަށް، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅިގެން ކުރެއްވި ޓްވީޓުގައެވެ. މިނިސްޓަރ ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްގީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން، މުޅި ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފެންނަން ހުރި ހަގީގަތަކީ، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް، މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައ އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްގީއަކީ މީގެ ކުރީގެ އަހަރުތަކަށްވުރެ ބޮޑު، އަދި ވަށާޖެހޭ ތަރައްގީއެއް ކަމަށެވެ.

މި އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީއަށް ދިނުމަށް ވަނީ ނިންމާފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރަން ނިންމާފައިވަނީ، 136،625386.44 (ސަތޭކަ ތިރީސް ހަ މިލިއަން ހަ ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ އަށްޑިހަ ހަ އެމެރިކާ ޑޮލަރު، ސާޅީސް ހަތަރު ސެންޓް)އަށެވެ.

މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް އިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން 624،000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320އާއި ބޮއިންގް 737 މަރުކާގެ ބޯޓުފަހަރަށް ޚިދުމަތް ލިބިގެންދާނެއެވެ. މިގޮތުން މި މަޝްރޫއާއެކު މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކުން ހަނިމާދޫއަށް ސީދާ ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެކެވެ. މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫންވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގުތިސާދު ފުޅާކުރުމަށް މި މިޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެއެވެ.

- ކޮމެންޓް