ކ. މާލެ
|
23 ސެޕްޓެންބަރ 2022 | ހުކުރު 15:39
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޕޮލިސް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
މޮނިކޮން އަމުރު ނެރެވޭ މީހުންގެ ޓެގު އެޅުވުމުގެ މަސައްކަތް އޮކްޓޯބަރުގައި ފެށޭނެ: އިމްރާން
ކުރީގެ ކޮންޓްރެކްޓް ބާތިލު ކުރީ އެކަން ކުރަން ހެދި މޮޑެލް ގެ ސަބަބުން
100 ޓެގް މިހާރު ވަނީ ލިބިފައި
ޤާނޫނަށް ބަދަލު ގެނެސް މޮނިކޮން އަމުރު ނެރެފައިވާ މީހުން ނޫން މީހުންގެ ވެސް ޓެގު އެޅުވުމަށް ދަނީ މަސައްކަތް ކުރަމުން

ޓެރަރިޒަމް ޤާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެވޭ ކުށްވެރިންގެ ޓެގް އެޅުވުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގައި ފަށާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކުރިން އޮތްގޮތުން ޓެގު އަޅުވައިގެން ނަތީޖާއެއް ނުނެރެވޭނެތީ އޭރު އޮތް ކޮންޓްރެކްޓް ބާތިލުކުރުމަށް މި ސަރުކާރު ހަވާލުވެގެން ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުނު ކަމަށެވެ. އެ ކޮންޓްރެކްޓް ބާތިލު ކުރީ ޓެގު އަޅުވަން ހަދާފައި އޮތް މޮޑެލް އަކީ އެކަން ކުރަން އެންމެ ރަނގަޅު މޮޑެލްއަށް ނުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ ކޮންޓްރެކްޓް އުވާލުމަށްފަހު 2020 ވަނަ އަހަރު މިކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރެވުނު ކަމަށާއި އެ މަސައްކަތުގެ ދަށުން ދުނިޔޭގެ އެކި މުއައްސަސާތަކާ މަޝްވަރާތައް ކުރެވި މިދިޔަ އަހަރު އެ މަސައްކަތް ކުރުމަށް ރައީސް ނިންމެވި ކަމަށެވެ. އެ މަސައްކަތް މިދިޔަ އަހަރު ފެށި ނަމަވެސް ކޮވިޑުގެ ހާލަތާއި ދުނިޔޭގެ ޓްރާންސްޕޯޓުގެ ކަންކަން ހުރި ގޮތުން އެކަން ލަސްވެގެންދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން އެކަމަށް އިއުލާންކޮށްގެން އާއްމު ކުންފުންޏަކުން ކުރިމަތިލައިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެނެސްދޭނެކަމަށް ބުނެ މިދިޔަ އަހަރު އެ މަސައްކަތް ފެށީ. އެހެންނަމަވެސް ވަރަށް ދެރަކޮށް ދިމާވީ، ކޮވިޑުގެ ހާލަތުވެސް އޮތް، ޓްރާންސްޕޯޓުގެ ވެސް ގޮންޖެހުންތައް ހުރި. އެހެންވެ އެ ކުްނފުންޏަށް ޓެގު ގެނެވޭގޮތެއް ނުވި. ނަތީޖާއަކަށްވީ ބަޖެޓުގެ އިންތިޒާމުތައް އޮންނަގޮތުން އެ އަހަރެއްގެ ކަންކަން ނިންމާނުލެވިއްޖެއްޔާ ވަރަށް ބޮޑު މައްސަލައަކަށްވެގެންދާނީ. ބަޖެޓް ކްލޮޒް ކުރިއިރު ޓެގު ރާއްޖެއަކަށް ނުއެއް ގެނެވޭ. މިދިޔަ އަހަރުގެ ޕްރޮޖެކްޓަކަށްވާތީ މިއަހަރަށް ބަޖެޓެއް ނުއެއް ކުރަން.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ ގޮންޖެހުންތަކާ ދިމާވި ނަމަވެސް މިހާރު ހައްލު ހޯދައިގެން ޓެގު ގެނައި ކުންފުންޏަށް ފައިސާ ދައްކައި ޓެގުތައް ސަރުކާރުން ނަގާފައިވާ ކަމަށެވެ. އެގޮތުން 100 މީހުންގެ ޓެގު ލިބިފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓާރު އިތުރަށް ވިދާޅުވީ މި މަސައްކަތް ފެށުމަށް އިތުރު ތިން ކަމެއް ބޭނުންވާ ކަމަށެެވެ. އެއީ ކޮންމެ އަހަރެއްގައި ވަކިން ސޮފްޓްވެއާ ލައިސެންސިން އާއި ކޮންފިގަރ ކުރުމުގެ މަސައްކަތް ކުރުމާއި އެކަން ކުރުމަށް އޮފިސަރުން ޓްރެއިން ކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ. މި މަސައްކަތް ޓެގް އުފައްދާ ކުންފުންޏާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޤާނޫނު މިހާރު އޮތްގޮތުން ޓެގް އެޅުވޭނީ މޮނިކޮން އަމުރު ނެރެފައިވާ މީހުންގެ އެކަނިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޚުދު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކަށް އަޅުގަނޑުމެން އޭޖީއާއެކު މަސައްކަތްތަކެއް އެބަކުރަން ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން މިހާރު މޮނިކޮން އަމުރު ނެރޭ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް ވެސް ޓެގު އެޅުވުމުގެ ޤާނޫނީ އޮނިގަނޑު ކުރިއަށްގެންދާނެ ގޮތުގެ މަޝްވަރާ ކުރަން.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މި ޤާނޫނު ވެސް މި އަހަރު ތެރޭގައި ބަދަލު ގެނެވިދާނެ ކަމަށް ލަފާ ކުރައްވައި މިނިސްޓަރު ވިދާޅުވީ އަންނަ އޮކްޓޯބަރު މަހު މޮނިކޮމް އަމަރު ނެރެވޭ މީހުންގެ ޓެގު އަޅުވާނެ ކަމަށެވެ. މި މަސައްކަތް ފެށުމުން ބޮޑެތި ކުށްތައްކަށް އެރުން މަދުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މި ބަދަލުގެ އިހުސާން މުޖުތަމައުގެ އާއްމު ރައްޔިތުންނަށް ވެސް ވާނެކަމުގެ ޔަގީންކަން ވެސް އިމްރާން ދެއްުވިއެވެ.

- ކޮމެންޓް