އައްޑޫ ސިޓީގެ 194 ހެކްޓަރ ބިން ހިއްކުމަށް ވެލި އަޅަން ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ބިން ހިއްކުމުގެ މަސައްކަތް ލަސްވަމުންދާތީ ވެލި އަޅަން ފެށޭނެ ދުވަހަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބިން ހިއްކަން ފެށުމުގެ ކުރިން ގިނަ ކަންތައްތަކެއް އެބަ ހިނގާކަމަށެވެ. އައްޑޫ ބިން ހިއްކުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވުނުއިރުވެސް ޔަގީންނުވެ އޮތް ކަމަކީ އައްޑޫގެ އެތެރެވަރިން ބޭނުންވާ މިންވަރަށް ވެލި ލިބޭނެތޯކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވެލި ހޯދުމަށް ކުރި ސަރވޭގެ ނަތީޖާ ދައްކާގޮތުން ތިން ސަރަހައްދެއްގައި ވެލި ހުރިކަމަށް ފާހަގަކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ތިން ސަރަހައްދުން ދެ ސަރަހައްދުން ފުދޭމިންވަރަށް ވެލިލިބޭ ކަމަށް. ތިން ވަނަ ސަރަހައްދުގައި ވެސް އެބަހުރި ވެލި. އެހެންނަމަވެސް ދެ ސަރަހައްދުން ފުއްދާލެވޭނެކަމަށް. ދެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އީއައިއޭ ހެދުމުގެ ތެރޭގައި މިމައުލޫމާތު ފުރިހަމަކޮށް އެބޭފުޅުންނަށް ހުށަހަޅަން އޮތް. ދެން އޭގެތެރޭގައި އަދި އިތުރު އެހެން ކަންކަންވެސް ހުރި. އެހުރިހާ ކަންކަމެއް ފުރިހަމަކޮށްފައި އަޅުގަނޑުމެންނަށް މިވީކުގެ ތެރޭގައި ފައިނަލް އީއައިއޭ ސަބްމިޓްކުރެވޭނެ. އެޑިޝަނަލް އިންފޮމޭޝަން އެބޭފުޅުން ރިކުއަރކުރޭ. ދެން ކޮންޓްރެކްޓަރ އެކަމަކު ވެލި ޕަންޕުކުރުމުގެ ކުރިން މޮބިލައިޒްކޮށް އަރތް ވޯކްސް ފަށާނެ.މުހައްމަދު އަސްލަމް / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
މިނިސްޓަރު ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ތިމާވެއްޓާ ގުޅޭގޮތުން ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަކަށް ވާތީ އީއައިއޭ ފާސްވުމުގެ ކުރިން އާންމުންގެ ޚިޔާލު މިކަމަށް އައުން އެކަށީގެންވާކަމަށެވެ. ނަމަވެސް މިމަޝްރޫޢު ކުރިޔަށްދާނީ އީއައިއޭ ފުރިހަމަކޮށް ފާސްކޮށްގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އީއައިއޭ އަށް ބޭނުންވާ އިތުރު މައުލޫމާތުތައް އަންނަ ހަފުތާގައި ފޯރުކޮށްދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ 27 މާޗްގައި އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އާއެވެ. މި މަޝްރޫޢޫގެ ދަށުން އައްޑޫ ސިޓީގައި ޖުމުލަ 194.3 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ އަދި މަރަދޫފޭދޫއަށް 16 ހެކްޓަރުގެބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 18 މަސްދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތުގެ ތެރެއިން އައްޑޫގެ ތިމާވެއްޓަށް ގެއްލުންވެދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިކަމާއި ގުޅިގެން ވެން އޫޑް ކުންފުނިން ބުނީ މި މަސައްކަތުގެ ތެރެއިން އައްޑޫގެ ނާޒުކު ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބަލަމުންގެންދާ ކަމަށެވެ. މީގެ ތެރެއިން މި މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ހުރި މުރަކަތައް އެހެން ތަނެއްގައި އިންދުމުގެ މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ވެން އޫޑް ކުންފުނިން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ.