ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 18:06
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
ގޫގުލް
އޭޑީބީގެ އެހީ ރާއްޖެއަށް
އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
މި ފައިސާ ބޭނުން ކުރާނީ ރާއްޖޭގެ ވެކްސިން ވެކްސިން ޖެހުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް
މި އެހީގެ ދަށުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ސްޓޯރެޖެއް ހަދާނެ
ވެކްސިން ފޯރުކޮށްފިނުމަށް 7 ސްޕީޑް ލޯންޗާއި ދެ ރެފްރިޖަރޭޓެޑް ޓްރަކާއި ދެ ވޭން ފޯރުކޮށްދޭނެ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފިއެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި މި އެހީއަކީ "އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ" ގެ ދަށުން ދޭ އެހީއެއް ކަމަށެވެ. މި ފައިސާ ބޭނުން ކުރާނީ ރާއްޖޭގެ ވެކްސިން ޖެހުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ވެސް އޭޑީބީން ބުނެފައި ވެއެވެ.

އޭޑީބީގެ ދެކުނު އޭޝިއާ ސަރަހައްދުގެ ހެލްތު ސްޕެޝަލިސްޓް ޑައިލިންގ ޗެން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ވަނީ ކޮވިޑް-19 ވެކްސިން ޕްރޮގްރާމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. އެހެންވެ އޭޑީބީން މި ދޭ އެހީގެ ސަބަބުން ވެކްސިން ކޯލްޑް ސްޓޯރެޖްތައް އިތުރަށް ތަރައްގީ ކުރެވި، ވެކްސިން ޑެލިވަރީ ކުރުމާއި މޮނިޓަރ ކުރުމާއި މެނޭޖްމަންޓް ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 85.02 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައެވެ. އަދި 36.85 އިންސައްތަ މީހުން ބޫސްޓަރ ގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 1،277 މީހުން ވަނީ މިހާތަނަށް ބޫސްޓަރ ގެ ދެވަނަ ޑޯޒު ޖަހައިފައެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި އެ ބޭންކުން ދޭ އެހީގެ ދަށުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ސްޓޯރޭޖް އެއް ހަދާނެއެވެ. މިތަނަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ގޮތަށް ހަދާނެ ތަނެއް ކަމަށާއި މި ސްޓޯރޭޖްގައި ވެކްސިނާއި މެޑިކަލް ސާމާނާއި ލެބޯޓްރީ ސާމާނު ރައްކާ ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން އެކި ރަށްތަކަށް ފަސޭހަކަމާއެކު ވެކްސިން ފޯރުކޮށްފިނުމަށް 7 ސްޕީޑް ލޯންޗާއި ދެ ރެފްރިޖަރޭޓެޑް ޓްރަކާއި ދެ ވޭން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭޑީބީން ވަނީ މީގެ ކުރިން ވެސް ކޮވިޑާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން "ކޮވިޑް އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް" ޕްރޮގްރާމްގެ ދަށުން 50 މިލިއަން ޑޮލަރާއި "އޭޝިއަން ޕެސިފިކް ޑިޒާސްޓަރ ރިލީފް ފަންޑް"ގެ ދަށުން 1.5 މިލިއަން ޑޮލަރާއި، ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި 2 މިލިއަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

- ކޮމެންޓް