ޖުލައި މަހުގެ ތެރޭގައި މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ބޭނުންކުރަން ފެށޭނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް މި ޖުލައިމަހަށް ނިންމާ ބޭނުންކުރަން ފަށާނެކަމަށެވެ.
މާލޭގައި ޤާއިމްކުރެވޭ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖްކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤްސަދުގައި އިމާރާތްކުރެވޭ ސްޓޭޝަނެކެވެ. މިގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދަށް އަމާޒުކުރެވިގެން ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، އަލަށް އިމާރާތްކުރެވިފައިވާ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ މިދެންނެވެނު ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަށްޓަކައި އިމާރާތްކުރެވިފައިވާ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާ ގެ (11.97 މިލިއަން އެމެރިކާ ޑޮލަރު) އަގުހުރި ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒެކެވެ.
މާލޭގެ އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުންނާނީ މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގެ ހުޅަނގު ފަރާތުގައި ވެމްކޯގެ އޮޕަރޭޝަން މިވަގުތު ކުރިޔަށްދާ ސައިޓުގައެވެ. މި ޓްރާންސްފާރ ސްޓޭޝަނަކީ ކުދި އަދި މެދު ސައިޒްގެ ޕިކަޕްގެ އިތުރުން، ޑަމްޕް ޓްރަކް އަދި ބޮޑެތި، ބަރު ކުނި އުފުލާ ބޮޑެތި ޑަމްޕް ޓްރަކްތަކާއި އެކު، ތަފާތު އެކި ސައިޒުގެ ކުނި އުފުލާ ވެހިކަލް ތަކަށް ދަތިކަމެއް ނެތި ޚިދުމަތްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ، 65،000 އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.
ކުރިޔާ ޚިލާފަށް، މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ފަރުމާކުރެވިފައި ވަނީ ކޮންޓޭނަރައިޒްކޮށްގެން ތިލަފުއްޓަށް ކޮންޓޭނަރުގައި ކުނި އުފުލާ ގޮތަށެވެ. މީގެ ސަބަބުން ބަރު އަދި ބޮޑެތި ކުނި (ސީއެންޑީ) ފިޔަވައި އެހެނިހެން ކުނި އުކާލުމަށް، ކުނި އުފުލާ ބާޖަށް ވެހިކަލް އެރުން ހުއްޓުމަކަށް ގެނެވޭނެއެވެ. މީގެ ބަދަލުގައި، ކުނި އުފުލާ ވެހިކަލްގައި ހުރި ކުނި ކިރުމަށް ހާއްސަ 'ވެއި ބްރިޖަކުން' ކިރާލުމަށްފަހު ފަހު، ޓްރާންސްފަރ ސްޓޭޝަންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިންގ ޕްލެޓްފޯމް މެދެވެރިކޮށް ކޮންޓޭނަރަށް ކުނި އުކާލެވޭނެއެވެ. އަދި ހުރިހާ ވެހިކަލަކުން ވެސް ޓިޕިން ޕްލެޓްފޯމުން ކުނި އުކާލާނީ ސްޓޭންޑަޑް ކޮންޓެއިނަރުތަކަށެވެ. އެގޮތުން ވަކިކުރެވިފައިވާ (ސެގްރިގޭޓް) ކުނި އުކާލުމަށް 5 ޓިޕިން ބޭ ވަނީ ޤާއިމްކުރެވިފައެވެ.
މީގެ އިތުރުން މޮބައިލް ކޮމްޕެކްޓިން ޔުނިޓް (ރޯލް ޕެކަރ) މެދުވެރިކޮށް ދުވަހު ކުނީގެ ގޮތުގައި ސައިޓަށް ގެނެވޭ ކުނި، ތިލަފުއްޓަށް ގެންދިޔުމުގެ ކުރިން ކޮންޓެއިނަރުގައި އިތުރަށް ކޮމްޕެކްޓް ކުރެވިގެންދާނެއެވެ. އަދި މިއިމާރާތަށް ވެހިކަލްތައް ވަދެ ނިކުތުމަށް ދެ ލޭންގެ ކޮންކްރީޓް ކެރިޖްވޭއެއްވާނީ ޤާއިމްކުރެވިފައެވެ.
ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މިމިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތަށް ޚާއްސަ ލެބެއްގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މަސައްކަތަށް ޚާއްސަ ކުރެވިގެން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި އަލަށް ޤާއިމްކުރެވިފައިވާ 6 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއަށް މި އިދާރާތަށް ބަދަލުކުރެވިގެންދާނެއެވެ.
މީގެ އިތުރުން ވެމްކޯގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެކޯޕަރޭޝަންގެ ވެހިކްލަތައް ޕާކްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކްގައި ވަނީ ޕާކިންގއަށް ޖާގަ ޚާއްސަ ކުރެވިފައެވެ. މީގެ އިތުރުން، މިއިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ޚާއްސަ ޖާގައަކާއި، ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ވެމްކޯގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚާއްސަ ފްރަންޓް އޮފީހެއް ޤާއިމްކުރުމަށް ޖާގަ ވަނީ ހަމަޖެހިފައެވެ.
މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މިގޮތުން، ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.