ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ވޯލްޑް ކަޕްގައި ޕޮލެންޑުން ބޭނުންކުރާ ކެޕްޓަން ބޭންޑު ޔޫކްރެއިން އަށް ޚާއްސަކޮށްފިއެވެ.
މި ކެޕްޓަން ބޭންޑު ޕޮލެންޑުގެ ކެޕްޓަން ރޮބާާޓް ލެވަންޑޯސްކީއާ ހަވާލުކުރީ ޔޫކްރެއިންގެ ލެޖެންޑް އަންޑްރީއެވެ. އެއީ ޔޫކްރެއިންގައި އޭނާ ބޭނުން ކުރި ކެޕްޓަން ބޭންޑެވެ. ޤަތަރުގައި އޮންނަ ވޯލްޑް ކަޕުން ޔޫކްރެއިނަށް ޖާގައެއް ނުލިބެއެވެ. އެއީ ވޯލްޑް ކަޕްގެ ޕްލޭ އޮފްގައި ވޭލްސް އަތުން ބަލިވުމުންނެވެ.
ކެޕްޓަން ބޭންޑާ ހަވާލުވުމަށްފަހު ލެވަންޑޯސްކީ ބުނީ، ޔޫކްރެއިންގެ ކުލަތަކާއެކު ވޯލްޑް ކަޕަށް ދިޔުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ލެވަންޑޯސްކީ ބުނީ އޭނާ ޤަބޫލުކުރާ ގޮތުގައި އެތުލީޓެއްގެ ޙައިސިއްޔަތުން ކުޅިވަރުގެ ބާރު ރަނގަޅު ގޮތުގައި ބޭނުން ކުރަން ޖެހޭނެއެވެ. މީގެ ކުރިން ވެސް ލެވަންޑޯސްކީ ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ކުށްވެރުކޮށް، ޔޫކްރެއިންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
ލެވަންޑޯސްކީ ބުނީ ޤަަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ޔޫކްރެއިންގެ ކެޕްޓަން ބޭންޑު އަޅައި، ޔޫކްރެއިންގެ ރައްޔިތުން އެކަނިވެރި ނުވާނެކަން ސާބިތުކޮށްދޭނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އަންޑްރީ އަކީ ކުޅުންތެރިޔެއްގެ ގޮތުގައްޔާއި އަދި ފަރުދެއްގެ ގޮތުން އެތައް ކަމެއް ބަދަލުކުރުމަށް އަޑުއުފުލި މީހެކެވެ.
ލެވަންޑޯސްކީ ވަނީ ޕޮލެންޑުން ރަޝިޔާއާއެކު ކުޅުމަށް ހަމަޖެއްސި ބައިނަލްއަގުވާމީ މެޗު ނުކުޅުމަށް ފާޅުގައި ގޮވާލާފައެވެ. އަދި އޭނާގެ ކުރީގެ ކުލަބު ބަޔާން މިއުނިކްގައި ލެވަންޑޯސްކީ ވަނީ ޔޫކްރެއިންގެ ދިދަ ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑު ވެސް ބޭނުންކޮށްފައެވެ. ލެވަންޑޯސްކީ އަކީ ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ފާޅުގައި އަޑު އުފުލި އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ.
ޔޫކްރެއިންގެ ޤައުމީ ޓީމަށް ކޯޗުކަން ވެސް ކޯށްދީފައިވާ އަންޑްރީ ބުނީ، އޭނާ ދެކޭ ގޮތުގައި ކެޕްޓަނެއްގެ ބޭންޑުން ރަމްޒުކޮށްދެނީ ލީޑާޝިޕް ކަމަށާއި، އަދި ޤައުމަށް އޮންނަ ލޯތްބާއި އިހްތިރާމް ކަމަށެވެ. އޭނާ ބުނީ ބޭންޑް ލެވަންޑޯސްކީ އަށް ދިނުމުގެ ބޭނުމަކީ ޔޫކްރެއިން އަށް އޭނާ ވެދޭ އެހީއަށް ޝުކުރު އަދާ ކުރުމަށެވެ. ވަކިން ޚާއްސަކޮށް އެކި އެކި ޕްލެޓްފޯމްތަކުގައި ޔޫކްރެއިން އަށް ހަމަ ޖެހުން ގެނައުމަށް ލެވަންޑޯސްކީ ގޮވާލާފައިވާކަން އޭނާ ފާހަގަކުރިއެވެ.
ވޯލްޑް ކަޕްގައި ޕޮލެންޑު ހިމެނިފައިވަނީ އާޖެންޓީނާ، ސައުދީ އަރަބިއްޔާ އަދި މެކްސިކޯއާއެކު ގްރޫޕް ސީގައެވެ.