ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ފަސް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ފާމިން ލޮޕޭޒް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފެރާން ޓޮރޭސް އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ރަފީނިއާ އެވެ. އެއީ މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން ލޮޕޭޒް ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
މެޗުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު، 66 ވަނަ މިނެޓުގައި ޖެހީ ރަފީނިއާ އެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ.
އައު ސީޒަންގެ ލީގުގައި ބާސެލޯނާ އިން މިހާތަނަށް ހަަތަރު މެޗު ކުޅެފައިވާއިރު، ތިން މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، ދެ ވަނައިގައި ބާސެލޯނާ އޮތީ 10 ޕޮއިންޓާ އެކު އެވެ.