އެމްޓީސީސީއިން އޮޕަރޭޓުކުރަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ފަރާތުން މާލޭގައި ދެމުންގެންދާ މިނީ ބަހުގެ ހިދުމަތުން ހޯމަ ދުވަހުން ފެށިގެން އަގު ނަގަން ފަށާނެއެވެ.
މާލޭގެ އެތެރޭގެ ދަތުރުފަތުރުގައި ދިމާވާ މައްސަލަތަކަށް ގިނަ ހައްލުތަކެއް ގެނެސްދީފައިވާ މިނީ ބަހުގެ ހިދުމަތުގެ އަޖުމަބެލުމުގެ ދަތުރުތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. 2 ހަފްތާގެ މުއްދަތަކަށް އާންމުންނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދިނުމަށްފަހު، ހޯމަ ދުވަހުން ފެށިގެން މިނީ ބަހުން ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެންނެވެ.
މިނީ ބަހުގައި ޓިކެޓް ނަގަން ޖެހެނީ އާރުޓީއެލް އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން ޓިކެޓްގެ ގޮތުގައި ލިބޭ ކިއުއާރު ކޯޑް ބަހަށް އަރަމުން ބަހުގައި އިންނަ ޑިވައިސްއިން ސްކޭން ކޮށްލުމުން ހިދުމަތް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.
މާލެ ތެރޭގައި މިނީ ބަހުގެ ދަތުރުތައް ކުރެވިގެންދާއިރު ދަތުރަކަށް ނަގަން ނިންމާފައިވަނީ 7 ރުފިޔާއެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުން މަތީގެ މީހުންނަށް އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ކޮންމެ ދުވަހަކުވެސް ފަތިހު 5:45 ގައި ދަތުރުތައް ފަށާ ގޮތަށް މެންދަމު 12:15 އާ ހަމައަށް ދަތުރުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ކޮންމެ 2 ބަސް ސްޓޮޕެއްގެ ދޭތެރޭގައި ނަގާނީ 5 ވަރަކަށް މިނެޓު ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި ބަސް ސްޓޮޕުން އެމީހަކު ދާން ބޭނުންވާ ތަނަކަށް ދިއުމަށް ގިނަވެގެން ނަގާނީ 10 މިނެޓު ކަމަށް ވަނީ ލަފާކޮށްފައެވެ.
42 ތަނެއްގައި ބަސް ސްޓޮޕްތައް ބެހެއްޓިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޚިދުމަތް ފެށިގެން ގޮސްފައިވަނީ 18 ބަހާއެކު ކަމަށާއި އެއީ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
ރާއްޖެޓީވީގެ ފަލަސުރިޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވެފައިވަނީ މިނީ ބަސްތައް ފެށުމާއެކު މާލޭގެ މަގުތަކުގައި ދުއްވާ ކާރުތަކާއި، ސައިކަލުތައް މަދުވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިނީ ބަސް ދުއްވާ މަގުތަކުގައި އާންމުނަށް ޕާކު ކުރުން މަނާކޮށް ދަތުރުތައް ފެށިގެންދިއުމަކީ އެއްވެސް ދައްޗަކާނުލާ ބަސް ދުއްވޭނެ މަގު ފަހިވާނެ ކަމެއް ކަމަށެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މަޖީދީ މަގުގައި ޕާކުކުރުން މިހާރު ވަނީ މަނާކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީމަގުގައި ޕާކު ކުރުން މަނާކަން އެންގުމަށް، މަގުގެ ދެ ފަރާތުގައި ވެސް ރޮނގު ދަމާފައެވެ. ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭކަން އެންގުމަށް ކޯނުވެސް ވަނީ ޖަހާފައެވެ.
އަދި މިނީ ބަހުގެ ދަތުރުތައް މާލޭގައި ކުރިއަށް ގެންދިޔުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި ވެހިކަލްތައް ޕާކުކުރުމަށް މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ވަނީ ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރި އޮންނަ ސަރަހައްދެވެ.
މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދުތަކެއްގައި ވަނީ ފަށާފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލ. އަތޮޅުގެ ރަށްތަކެވެ.