ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 08:17
ސްރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ
ސްރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ
ރޮއިޓަރސް
ލަންކާގެ ބޮމުގެ ހަމަލާ
ލަންކާގެ ބޮމުގެ ހަމަލާ: ކުރީގެ ރައީސް ސިރިސޭނާއަށް ތުހުމަތު
އެމަނިކުފާނު އޮކްޓޯބަރު މަހު ކޯޓަށް ހާޒިރުވުވެވަޑައިގަތުމަށް ވަނީ އަންގާފައި

އޭޕްރިލް 2019ގައި އަވައްޓެރި ސްރީލަންކާގައި ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދީ، 280 މީހުންގެ ފުރާނަ ދުއްވާލި ހާދިސާގެ ތުހުމަތު މައިތިރިޕާލަ ސިރިސޭނާގެ މައްޗަށް ކޮށްފިއެވެ.

ހުކުރު ދުވަހުގެ ލަންކާގެ ކޯޓަކުން ވަނީ ވަނީ މި މައްސަލައިގެ ތުހުމަތު އެބޭފުޅާގެ މައްޗަށް ކުރެވޭކަމަށް ބުނެ، މިއަހަރުގެ އޮކްޓޯބަރު މަހު ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. ކޮލަމްބޯގެ ފޯޓް ސަރަހައްދުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް އަންގާފައިވަނީ އެ ގައުމުގެ ނެޝަނަލް ކެތޮލިކު ކޮމިޓީގެ މެމްބަރަކު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

މި ހާދިސާ ހިނގިތާ 3 އަހަރުވެފައިވާއިރު، މި ހަމަލާގައި މަރުވި މީހުންގެ އާއިލާތައް ދަނީ އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ. ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއަކީ އެ ގައުމުގެ ސަރުކާރާއި އިންޓެލިޖެންސްގެ ވަރަށް ބޮޑު ފެއިލްވުމެއްކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ސަބަބަކީ، މި ހަމަލާ ދޭން އުޅޭކަން ސަރުކާރަށް ކުރިން އެނގޭތީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހަމަލާގެ އިންޒާރު ލަންކާއަށް ފުރަތަމަށް ފޮނުވާފައިވަނީ އިންޑިއާއިންނެވެ. އަދި އޭޕްރިލް 4ގައި ފޮނުވި އިންޒާރަށްފަހު، އޭޕްރިލް 11ގައި އެއާގުޅޭ އިންޓެލިޖެންސް މެމޯއެއް ވަނީ ފޮނުވާފައެވެ.

އިންޓެލިޖެންސް ރިޕޯޓުން، ލަންކާގެ ޗަރޗްތަކަށް އަމާޒްކޮށް "ނެޝަނަލް ތައުހީދް ޖަމާއަތުން ހަމަލާ ދޭން އުޅޭކަން އެނގޭއިރު، އެ ރިޕޯޓްގައި، ހަމަލާ ދޭން އުޅޭކަމަށް ތުހުމަތުކުރާ ފަރާތްތަކުގެ ނަން، ގޭގެ ނަން އަދި ފޯނު ނަމްބަރުވެސް ހިމަނާފައިވެއެވެ.

އިންޓެލިޖެންސް ރިޕޯޓް ސޯޝަލް މީޑިއާއަށް ލީކްކޮށްފައިވާއިރު، ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތަކީ ޒަހްރާން ހާޝްމީކަން ފާހަގަކޮށްފައިވެއެވެ.

އިންޑިއާއިން ފޮނުވާފައިވާ އިންޓެލިޖެންސް ރިޕޯޓް ބިނާކޮށްފައިވަނީ އިސްލާމިކް ސްޓޭޓާ ގުޅުން އޮތްކަމަށް ޝައްކު ކުރެވިގެން އެ ގައުމުގެ ހައްޔަރު ކުރެވުނު މީހަކު ދިން މައުލޫމާތަށް ބިނާކޮށެވެ.

މި ހަމަލާގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުގައި ރައީސް ސިރިސޭނާ ފެއިލްވިކަމަށް އެ ގައުމުގެ ބައެއް މިނިސްޓަރުން ތުހުމަތު ކުރައްވާފައިވާއިރު، މީގެކުރިން ސިރިސޭނާ ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.

ސިރިސޭނާ މިހެން ވިދާޅުވި ނަމަވެސް، އެ މަނިކުފާނުގެ ދަށުން ހިންގާ ގިނަ ސެކިއުރިޓީ ޑިވިޝަންތަކާ އެ މައުލޫމާތު ހިއްސާކުރެވުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް