ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 12:39
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
މަސްދަރު ހާމަކުރަން އެންގޭ ގޮތަށް އޮތުން
އުންމީދަކީ ހެއްކާއި ބެހޭ ޤާނޫނަށް އަވަހަށް އިޞްލާހު ގެނައުން: މިއުވާން
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއި ގުޅިގެން 18 ޖުލައި 2022 ގައި ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައި
ރައީސުލްޖުމްހޫރިއްޔާ ހެއްކާބެހޭ ޤާނޫނު ތަސްދީޤުކުރައްވާފައި ވަނީ 18 ޖުލައި 2022 ގައި

މަސްދަރު ހާމަކުރަން ކޯޓަަށް އެންގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ދާދިފަހުން ގެނެސްފައިވާ ބަދަލު އިސްލާހުކުރަން އަލުން މަޖިލީހަށް ހުށަހަޅާ، އެ މަސައްކަތް އަވަހަށް ނިމޭނެކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ބޭއްވި ބްރޯޑްކާސްޓިން އެވޯޑްގެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ މަސްދަރު ހާމަކުުރަން އެންގޭ ގޮތަށް ހުރުމަކީ ގިނަ ނޫސްވެރިން ކަންބޮޑުވާ މައްސަލަ އެއްކަން ފާހަގަކުރައްވާފައެވެ. އެކަމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލެއް ދެންނެވުމުން މިއުވާން ވިދާޅުވީ އެ އިސްލާހު ގެނައުމަށް ކުރަން ޖެހޭ މަސައްކަތައް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ އިސްލާހުގެ މަސައްކަތް ފަށާނެ ސީދާ ތާރީހެއް އަދި ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިފަދަ އިސްލާހެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާއިރު މަސްދަރު ހާމަކުރަން އެންގުމުގެ ހައިކޯޓަށް ލިބިދޭ ގޮތަށް ހެއްކާބެހޭ ޤާނޫނަށް އިސްލާޙެއް ހުށަހަޅަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އޮފް މޯލްޑިވްސް (އެމްއީޖީ)ން މަސައްކަތްކުރަމުންދާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖައާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމުގެ މަސައްކަތް އެމްޖޭއޭއިން ވެސް ދަނީ ކުރަމުންނެވެ.

ހެއްކާބެހޭ ބިލުގައި ހިމެނޭ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ހެއްކާބެހޭ ބިލަށް، ޖުޑިޝަރީ ކޮމިޓީން އެކި ފަރާތްތަކާ ބައްދަލުކޮށް އިސްލާހު ހުށަހަޅާފައިވާއިރު އެ ކޮމިޓީއިން ބައްދަލުކުރި ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން ހިމެނެއެވެ. އަދި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމަށް ފަހު ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހެއްކާބެހޭ ޤާނޫނު ތަސްދީޤުކުރައްވާފައި ވަނީ 18 ޖުލައި 2022 ގައެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަށް، އެކި ފަރާތްތަކާ ބައްދަލުކުރުމަށްފަހު 136 ވަނަ މާއްދާގެ (ހ)ށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން، އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެކަމަށެވެ.

އަދި 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ 136 ވަނަ މާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި، ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތު ކުރެވޭ ފަރާތުން ނުވަނަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން، ވަކި ހާލަތެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެކަމަށެވެ. އެގޮތުން މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ 8 ކަމަކަށް ރިއާޔަތްކުރުމާއެކު، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމަ ކަމަށެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއި ގުޅިގެން 18 ޖުލައި 2022 ގައި ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް