ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 21:21
ނާޒިމް ސައްތާރު
ނާޒިމް ސައްތާރު
އޭދަފުށި ޓައިމްސް
ބަދުއަޚުލާޤީ އަމަލު ހިންގުން
ނާޒިމް ސައްތާރު 3 މަހާއި 21 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
އަލަމްގީރްއާއެކު ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލާގައި ނާޒިމް ވަނީ ކުށަށް އިއުތިރާފްވެ، މައާފަށް އެދިފައި

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރްއާއެކު ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް އެއްބަސްވެ، އެ ކުށަށް ތައުބާވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރު 3 މަހާއި 21 ދުވަހަށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝް މީހެއްކަމަށްވާ އަލަމްގީރްއާއެކު ނާޒިމް ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެ، މައާފަށް އެދިފައެވެ. ނާޒިމް ގޭގައި ބަންދުކުރުމަށް ހުކުމްކުރީ 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، އަދި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖެހޭ 1 މަހާއި 28 ދުވަހުގެ ޖަލު ހުކުމްކޮށް ގޭބަންދުގެ އަދަބަކަށް ބަދަލުކުރުމަށްފަހުއެވެ. އޭނާއަށް ދައުވާކުރީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.

ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމަށް ރިއާޔަތްކޮށް، ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމްކުރިއެވެ. ނާޒިމް ސައްތާރުގެ ކުށުގެ ރެކޯޑެއްވެސް ނެތެވެ.

ނާޒިމަށް މިފަދައިން ހުކުމްކޮށްފައިވާއިރު ދައުލަތުން އެދިފައިވަނީ 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި އަލަމްގީރް ހިމެނޭހެން 4 މީހުންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވާއިރު، 31 އޯގަސްޓުގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އަލަމްގީރް 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، ތައުބާ ލައިދީފައެވެ. އެގޮތުން އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. 

- ކޮމެންޓް