ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 14:50
ރައީސް މީގެ ކުރިން ށ ފީވަކު ކައުންސިލާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގެ ތެރެއިން
ރައީސް މީގެ ކުރިން ށ ފީވަކު ކައުންސިލާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމް
ޑިމޮކްރެސީ ހަރުދަނާ ކުރުމަށް މިފަހުން އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ކައުންސިލްތަކުގެ ދައުރު ފުޅާކުރުން: ރައީސް
 
އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވޭ
 
އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް ހިމެނޭ

ޑިމޮކްރެސީ ހަރުދަނާ ކުރުމަށް މިފަހުން ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރު ކުރެވިފައިވާކަމުގައެވެ.

ހަމަ އެހެންމެ، ދަޢުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެހެން ޤައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމްފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، މުޅި ދަޢުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާޢީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް