ގދ. ހޯޑެއްދޫއާއި ށ. ކީކިމިނީގެ މަސައްކަތްކުރުމަށް ސަރުކާރުން އެއްބާރުލުން ދެމުންދާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ގއ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖްއާއި މަސް ގަނެވޭނެގޮތް ހެދުމަށް ހޮރައިޒަން ފިޝަރީޒްއާ ހަވާލުކުރި މަސައްކަތް ނިންމަން ތަކުރާރުކޮށް ފުރުސަތުތައް ދީގެންވެސް އެ މަސައްކަތް ނުނިމި 17 އަހަރު ވަނީ ދިގުލައިގެން ގޮސްފައެވެ. މި މަސައްކަތް ނުނިމި ވުމަކީ މަސްވެރިކަމުގެ ދާއިރާއާއި މަޑަވެލީ ދާއިރާގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އަޅަން ހޮރައިޒަންއަށް ދިން ބިމުގައި އެ މަސައްކަތް ނުފަށާތީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން ކީކިމިނީގައި މަސް ފެކްޓަރީއެއް ގާއިމުކުރުމަށް އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ އެ ރަށް ހަވާލުކޮށްފައި އޮންނަތާ އެތައް އަހަރެއް ވީއިރުވެސް އެ ރަށުގެ އޮޕަރޭޝަން ފެށުން ލަސްވުމަކީ މަސްވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ.
ދާދިފަހުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވަނީ، އެ މަސައްކަތްތައް ނުފެށި ވަނީ ސަރުކާރުން އެއްބާރުލުން ނުލިބިގެންކަން ފާހަގަކުރައްވާފައެވެ. މިކަމާގުޅިގެން ރާއްޖެ އެމްވީން ކުރި ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ، ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ނުވެގެން މަސައްކަތެއް ލަސްވާނަމަ އެއީ ކޮން ކަމެއްކަން ސާފުކޮށްދެއްވުން އެދިވަޑައިގަންނަވާކަމަށެވެ. އަދި އެހެން ވިޔަފާރިވެރިންނަށްވެސް އެހީވާ ފަދައިން ގާސިމްއަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމަށް މިއުވާން ވިދާޅުވިއެވެ.
މަޝްރޫއުތައް ނުފެށި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުންވެސް ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ. ޚާއްސަކޮށް އިގުތިސާދާ ގުޅިފައި ހުރި މަޝްރޫއުތައް ހުއްޓިފައި ހުރުމުން އެ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.