ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗަކަށް ހުރި ސާބިއާގެ ޑޭވޯ ބާބާއަށް ބަދަލުދޭން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމަށް) އަންގައިފިއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ބަދަލުގެ ގޮތުގައި އޭނާއަށް ދިނުމަށް ފީފާއިން އަންގާފައިވާ އަދަދެއް ޖަވާ ވިދާޅެއްނުވެއެވެ. ޖަވާ ވިދާޅުވީ ބާބާއަށް ބަދަލު ދިނުމަށް މިހާރު އަންގާފައިވާ ކަމަށާއި، އެ މުއްދަތަށް ފައިސާ ދައްކާނެ ކަމަށެވެ.
މިހާރު އެ އޮތީ ފީފާއިން ނިންމާފަ، އޭނައަށް ދޭންޖެހޭ ވަރު ކަމަށް. އެހެންވީމަ ދެން ފީފާއިން ނިންމާފަވާ ގޮތަށް އެފްއޭއެމުން އެ މުއްދަތުގައި ބާބާއަށް އެ ފައިސާ ހަވާލު ކުރާނެ.ޙުސެއިން ޖަވާޒް (ޖަވާ) / އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ
ގައުމީ އަންހެން ޓީމުގެ ކޯޗުކަމަށް ބާބާ ހަމަޖައްސާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު ބާބާއާއެކު ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށައި، އެކުވެރިކަމުގެ ތިން މެޗުވެސް ކުޅެފައެވެ. އެއީ ސީޝެލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗާއި، ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ 1-0ން ސީޝެލްސް ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ސީޝެލްސް އަތުން 4-0ން ބަލިވިއިރު، ފަހު މެޗުގައި ސައުދީ އަތުން ވަނީ 2-0ން ބަލިވެފައެވެ.
ބާބާއާއެކު ފަރިތަކުރުން ފަށައި، ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ މަސައްކަތް ފެށިނަމަވެސް، މުބާރާތުގައި ރާއްޖެއަށް އިރުޝާދު ދީފައިވަނީ އަހުމަދު ޝަރީފް (ޑުންގާ)އެވެ. މުބާރާތުގައި ރާއްޖެއިން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފީފާއިން އެފްއޭއެމަށް އަންގާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ދޭން ޖެހޭ މުސާރަ ދިނުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެންގުމާއެކު އެފްއޭއެމުން ބާބާއަށް 35،000 ޑޮލަރު، ނުވަތަ އެއަށްވުރެ ގިނައިން ދޭންޖެހޭނެއެވެ. އެއީ މަހަކު 5000 ޑޮލަރުގެ ރޭޓުންނެވެ. އެއީ ދިވެހި ރުފިޔާއިންނަމަ، 539،700 ރުފިޔާއެވެ.
މީގެ ކުރިން ގައުމީ ފިރިހެން ޓީމުގެ ކޯޗަކަށް ގެނައި މާޓިން ކޫޕްމަންއާއި އޭނާގެ އެސިސްޓެންޓް ކޯޗަކަށް ގެނައި ރެނޭ ހިޑިންކަށްވެސް ބަދަލުދިނުމަށް ފީފާއިން ވަނީ އެފްއޭއެމަށް އަންގާފައެވެ.