ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 16:00
އަހުމަދު ރައުލް އައްސަދު
އަހުމަދު ރައުލް އައްސަދު
މުހައްމަދު ޔާސިރު މޫސާ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ވިލާ ސްކޫލުން ބައިވެރިވި ހަމައެކަނި އެތުލީޓު، އަމާޒަކީ މުބާރާތުގެ އެއްވަނަ
ރައުލްގެ އަމާޒަކީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދުން
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާގެ ފަރާތުން

ގދ އެތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ ގިނަ އެތުލީޓުން އެއްތަނަކުން ބައްދަލުވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފާ ގިނަ ސްކޫލުތަކަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ބައެއް ސްކޫލުތަކުގެ ޓީމުގައި 50ށްވުރެ ގިނަ އެތުލީޓުން ހިމެނެއެވެ.

ނަމަވެސް މުބާރާތުގެ ތެރެއިން ފާހަގަވީ ޓީމެއްގައި ހުރި އެންމެ އެތުލީޓެކެވެ. މުޅި އެޓީމަކީވެސް އެއެތުލީޓު އެކަންޏެވެ. ވިލާ ސްކޫލް ޓީމުން މުބާރާތުގައި ބައިވެރިވީ އަހުމަދު ރައުފް އައްސަދު އެކަންޏެވެ. ނަމަވެސް މާލެއިން ތިނަދޫއަށް ރައުލް ދަތުރުކުރީ ވަރުގަދަ އުންމީދެއްގައެވެ. ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށްޓަކައެވެ. މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައެވެ.

ރާއްޖެޓީވީއަށް ދިން އިންޓަރވިއުއެއްގައި ރައުލް ބުނީ މުބާރާތުގައި އޭނާގެ އަމާޒަކީ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދުންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މިއީ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ރައުލް ފާހަގަކުރިއެވެ.

އަސްލު އައީ ގައުމީ މުބާރާތަށް ޕްރެކްޓިސް ނުލިބޭތީ ކުޑަ ވޯމްއަޕަކަށް.
އަހުމަދު ރައުފް އައްސަދު | ވިލާ ސްކޫލްގެ އެތުލީޓު

މުބާރާތުގައި 19 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރާ ރައުލް ވަނީ މިހާތަނަށްވެސް މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން އުމުރުފުރާގެ 1500 މީޓަރު ދުވުމުންނާއި ލޯންގް ޖަމްޕުންވެސް ރައުލް ވަނީ ރަން މެޑަލް ހޯދާފައެވެ.

ރައުލް ބުނީ އޭނާއާއެކު ޓީމުގައި އިތުރު އެތުލީޓެއް މި މުބާރާތުގައި ނެތްނަމަވެސް އެފަޅުކަން މާބޮޑަށް އިހުސާސް ނުވާ ކަމަށެވެ.

އެންމެންވެސް ވަރަށް ރަނގަޅު, ހުރިހާކަމެއްވެސް ކޮށްލަދޭ ހަމަ ބުނީމަ
އަހުމަދު ރައުފް އައްސަދު | ވިލާ ސްކޫލްގެ އެތުލީޓު

ރައުލްއަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 'ގޯލްޑަން ކެޕްޓަން' ގެ ގޮތުގައި ފާހަގަކުރެވިފައިވާ އައްސަދު އަބްދުލްޣަނީގެ ދަރިއެކެވެ. ރައުލް ބުނީ އެތުލެޓިކްސްއަށްވުރެ ބޮޑަށް ފުޓްބޯޅައިގައި އޭނާ ކުރިއަރާދާން ބޭނުންވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފުޓްބޯޅަ ޓީމަކުން އޭނާ ފެންނާނެކަމުގެ ފެހި ސްގްނަލްވެސް ރައުލް ދިނެވެ.

ކިޔެވުމުގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ރައުލް ބުނީ ރަނގަޅު ޝެޑިއުލްއެއްގެ ދަށުން މަސައްކަތް ކުރާތީ ކިޔެވުމަށް އަދި ކުޅިވަރަށްވެސް އެކަށީގެންވާ ވަގުތު ދެވޭ ކަމަށެވެ. އަދި މި ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ ފަރާތުންކަން ރައުލް ފާހަގަކުރިއެވެ.

- ކޮމެންޓް