ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 21:03
ގދ އަތޮޅު ކައުންސިލް ޗެމްޕިއަންޝިޕް ކުރިއަށްގެންދާ ތިނަދޫ ސްޓޭޑިއަމް
ގދ އަތޮޅު ކައުންސިލް ޗެމްޕިއަންޝިޕް ކުރިއަށްގެންދާ ތިނަދޫ ސްޓޭޑިއަމް
މުހައްމަދު ޔާސިރު މޫސާ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
މުބާރާތުގެ އިންތިޒާމުތަކަށް، ޓީމުތަކުގެ ބޮޑު ތައުރީފެއް
ޓީމުތަކަށް މަރުހަބާކިއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާލެއް ފުރިހަމަކަންވެސް ޓީމުތަކުން ފާހަގަކުރި
ހުރިހާ ކަމެއްގައިވެސް ޓީމުތަކާ ވަރަށް ގާތުން ރައުހަތު ސްޕޯޓްސް ކްލަބް މަސައްކަތްކުރޭ

މިހާރު ކުރިއަށްދާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިންތިޒާމުތަކަށް ޓީމުތަކުން ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

މުބާރާތާ ދިމާކޮށް ގާތްގަނޑަކަށް ދެހާހެއްހާ މީހުން ވަނީ ތިނަދޫއަށް ދަތުރުކޮށްފައެވެ. މި ހުރިހާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖެއްސުމުގައިވެސް ރައުހަތު ސްޕޯޓްސް ކްލަބުން އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށްކަމަށް ޓީމުތަކުން މައުލޫމާތުދެއެވެ.

މުބާރާތުގެ އިންތިޒާމުތައް ވަރަށް ސަޅި. އަމިއްލަ ރަށެކޭ އެއްގޮތަށް އަޅުގަނޑުމެންގެ އެކޮމަޑޭޝަނާ ހުރިހާ ކަމެއްވެސް ހަމަޖައްސާފަ ހުރީ. އެހެން ތަންތަނުގަ މިފަދަ މުބާރާތްތައް ބާއްވާ ފަރާތްތަކުންވެސް މި މުބާރާތް ނަމޫނާއަކަށް ނަގަން ޖެހޭ.
އަހުމަދު ނަސީރު، ށ. މިލަންދޫ ސްކޫލް ކޯޗް

މީގެ އިތުުރުން މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް މަރުހަބާކިއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާލެއް ފުރިހަމަކަންވެސް ޓީމުތަކުން ފާހަގަކުރިއެވެ. އަދި ހުރިހާ ކަމެއްގައިވެސް ޓީމުތަކާ ވަރަށް ގާތުން ރައުހަތު ސްޕޯޓްސް ކްލަބުން މަސައްކަތް ކުރާކަމަށް ޓީމުތަކުން ރާއްޖެޓީވީއަށް މައުލޫމާތުދެއެވެ.

އަޅުގަނޑުމެން މިރަށަށް އައުމުން ވަރަށް ހޫނު މަރުހަބާއެއްކީ. އަނެއްކާ އަޅުގަނޑުމެންނާ ވަރަށް ގާތުން ހުރިހާ ފަރާތެއްވެސް މަސައްކަތް ކުރަނީ.
އިބްރާހީމް އިރުޝާދު، ގެމަނަފުށީ ސްކޫލްގެ ލީޑިންގ ޓީޗަރ

ޓީމުތަކުން މައުލޫމާތުދޭގޮތުގައި މި މުބާރާތުގެ ސަބަބުން ޓީމުތަކުގެ އެތުލީޓުންނަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. އަދި މިފަދަ މުބާރާތްތައް ގިނައިން ބޭއްވުމަކީ އެތުލީޓުންނަށް ލިބޭ ކުރިއެރުމެއްގެގޮތުގައި ސްކޫލުތަކުން ފާހަގަކުރެއެވެ.

މިހާރު ކުރިއަށްދާ މި މުބާރާތުގައި 24 ސްކޫލަކުން ވާދަކުރެއެވެ. މުބާރާތް އިންތިޒާމުކުރުމަށް ގދ އަތޮޅު ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

- ކޮމެންޓް