ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 09:43
ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު
ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު
ހެލްތު މިނިސްޓްރީ
ރާއްޖޭގެ ރަށްތަކުގައި ފާމަސީތައް ހެދުން
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި
މިއަހަރަށް ބަޖެޓް ކުރެވިގެން 25 ފާމަސީއެއްގެ މަސައްކަތް ކުރަން ވަނީ ނިންމާފައި
މިހާތަނަށް 3 ރަށެއްގެ ފާމަސީ ނިންމާފައިވާއިރު 2 ފާމަސީއެއްގެ މަސައްކަތް ދަނީ ކުރަމުން

11 ރަށެއްގައި ފާމަސީ ތަރައްޤީކުރުމަށް ސްޓޭޓް ޓްރޭޓިންގ އޯގަނައިޒޭޝަން، (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީއާ އެސްޓީއޯއާއެކު ހޯމަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން 11 ރަށެއްގެ ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނަގާނެއެވެ. އަދި އެ ހެލްތު ސެންޓަރުތަކުގެ ގޯތި ތެރޭގައި ފާމަސީތައް ހަދައި ހުޅުވާނެއެވެ.

މި މަސައްކަތް އެސްޓީއޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް ހަންނާނު ޙުސެއިނެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ރިސަރޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް މުޙައްމަދު އިޙްސާން ވަހީދެވެ.

ފާމަސީތައް ތަަރައްގީ ކުރާ ރަށްތައް

  1. ހއ. ތުރާކުނު
  2. ހއ. ތަކަންދޫ
  3. ނ. ލަންދޫ
  4. ބ. ދޮންފަނު
  5. އދ. ދިގުރަށް
  6. މ. މަޑުއްވަރި
  7. މ. ކޮޅުފުށި
  8. މ. ރަތްމަންދޫ
  9. ތ. އޮމަދޫ
  10. ގއ. ކަނޑުހުޅުދޫ
  11. ގއ. ކޮލަމާފުށި

މިއަހަރަށް ބެޖެޓް ކުރެވިގެން ޖާގައިގެ ދަތިކަން ހުރި 25 ރަށެއްގެ ހެލްތު ސެންޓަރުގެ އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ގޯތިތެރެއަށް ބަދަލުކުރުމުގެ ޕްރޮޖެކްޓެއް ހެލްތު މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިހާތަނަށް 3 ރަށެއްގައި ފާމަސީ އިމާރާތްކޮށް ނިމި ހުޅުވާފައިވާއިރު ދެ ފާމަސީއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަލަށް ސޮއި ކުރި 11 ރަށުގެ އިތުރުން، އިތުރު 9 ރަށެއްގެ ފާމަސީ ހެދުމުގެ މަސައްކަތް ކުރިއަށް ވަނީ ރާވަފައިފައެވެ.

އެސްޓީއޯއިން ބުނީ އަލަށް ހަވާލުކުރި 11 ރަށުގެ ފާމަސީ ހެދުމުގެ މަސައްކަތް ކުރިއަށް އޮތް 4 މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި މަޝްރޫޢުގެ ސަބަބުން ފާމަސީތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސްފިހާރައިގެ ޚިދުމަތް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެކަމަށެވެ.

މި ރަށްރަށުގައި ފާމަސީ ހެދުމުގެ މަސައްކަތް ކުރާއިރު ކޮންޓްރެކްޓަރުން ހޯދުމުގައި އިސްކަން ދޭނީ އެ ރަށެއްގެ ކޮންޓްރެކްޓަރުންނަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ ސަބަބުން ވެސް އެ ރަށްތަކަށް ފައިދާވާނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އެސްޓީއޯއިން އަންނަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކުގައި މިހާރު ވެސް ފާމަސީގެ ޚިދުމަތް ދެމުންނެވެ.

- ކޮމެންޓް