މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ރާއްޖޭގެ ކަނޑުތައް ދިރާސާކުރަމުންދާ ޓީމާ ރައީސް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
ރައީސް މި ޓީމާ ބައްދަލުކުރެއްވީ ހޯމަ ދުވަހު ލ. ގަމުގައި ކުރިއަށްދިޔަ ވިއަވަތި ކޮންފަރެންސް ނިންމަވައިލެއްވުމަށްފަހުއެވެ. ޓީމާ ބައްދަލުކުރައްވަން ރައީސް ވަނީ މި މަސައްކަތްތައް ކުރިއަށްގެންދާ މަނަވަރަށް ވަޑައިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސަރޗް ފައުންޑޭޝަނެއް ކަމަށްވާ "ނެކްޓަން" ގުޅިގެން ކުރިއަށްގެންދާ މި ދިރާސާ ފަށާފައިވަނީ ލ. އަތޮޅުގައެވެ. މި ދިރާސާގައި ބައިނަލްއަގުވާމީ ފަރާތްތަކާއި ދިވެހިން ހިމެނޭހެން 40 ސައިންސްވެރިންނާއި ތަޖުރިބާކަރުންގެ ޓީމެއް ހަރަކާތްތެރިވެއެވެ. މީގެ ތެރޭގައި 16 ދިވެހިން ހިމެނެއެވެ.
މި ދިރާސާ ކުރިއަށްގެންދާ މަނަވަރަށް ވަޑައިގެން ރައީސް ވަނީ ރާއްޖޭގެ ހަތަރު އެކުއަނޯޓުންނާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން، ރައީސްއާ ބައްދަލުކުރެއްވި ހަތަރު އެކުއަނޯޓުން މިހާތަނަށް ކަނޑުގެ 500 މީޓަރު އަޑިއަށް ގޮސް ސާވޭތައް ކޮށްފައިވާ އެކައުނޯޓުން ކަމަށް ނެކްޓަންއިން މައުލޫމާތު ދެއެވެ.
ނެކްޓަންއިން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން އެއްކޮށްފައިވާ ޑޭޓާ ރައީސްއާ ހިއްސާކޮށްފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ ޑޭޓާ އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި ދިރާސާގައި ހޯދާ ހުރިހާ ހޯދުންތަކަކީ ދިވެހި ސަރުކާރުގެ މިލްކިއްޔާތެއް ކަމަށް ވެސް ނެކްޓަންއިން ވަނީ ބުނެފައެވެ.
ރައީސް ކުރެއްވި މި ޒިޔާރަތްޕުޅުގައި އެމަނިކުފާނުގެ އަރިހުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދެ މިނިސްޓަރުން ވެސް ނެކްޓަންގެ މަސައްކަތަކީ ރާއްޖެއަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ކުރާ ކަނޑުގެ އެންމެ ބޮޑު ދިރާސާއެވެ. މި ދިރާސާގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަނެ، ދިރާސާއިން ލިބޭ މަޢުލޫމާތު ސައިންސްވެރިންނާއި ޕޮލިސީ މޭކަރުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދިރާސާގައި ކަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1000 މީޓަރާއި ހަމައަށް ސާރވޭކުރާނެއެވެ. މި ދިރާސާގައި ކަނޑަށް ފޭބި އެންމެ ފުރަތަމަ ޓީމުގައި ދިވެހި ދެ އަންހެނުން ހިމެނެއެވެ. އެއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް، ފަރާހް އަމްޖަދުއެވެ.
35 ދުވަހަށް ކުރިއަށްގެންދާ މި ދިރާސާގައި ބޭނުން ކުރަނީ ކަނޑުގެ އެންމެ ފުނަށްދެވޭ ޒާތުގެ ސަބްމާރސިބަލްއާއި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކޮށްގެންނެވެ.
މި މިޝަންގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ އިޤްތިޞާދާއި އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކުރުމާއެކު، ކަނޑުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ޤާއިމްކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.