ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 17:28
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
އިދުހާމް ނަޢީމް
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަސައްކަތުގެ ދަށުން 1.7 ކިލޯމީޓަރުގެ ސަރަހައްދެއްގައު ތާރު އަޅާނެ

މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު ޒަމާނީގޮތަށް ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ ހޯމަ ދުވަހުގެ ހަވީރުއެވެ. މި މަސައްކަތުގެ ދަށުން އަމީނީމަގުގައި އަޅާފައި ހުރި ގާތައް ނަގައި ތާރު އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކަރ އިން އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 210 ދުވަސް ނުވަތަ 7 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ބަދަލުތަކާއެކު މި މަސަައްކަތް ކުރިއަށްގެންދާއިރު މިހާތަނަށް ވަނީ ޓޮޕޯ ގްރެފިކް ސާވޭ އާއި ޖިއޯޓެކްނިކަލް ސާވޭ އަދި ހައިޑްރޮޖިކަލް ސާވޭގެ އިތުރުން އީއައިއޭ ވަނީ ހަދާފައެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިފައިވާއިރު، މަގުގެ ފެން ހިންދާ ނިޒާމް ޑިޒައިން ކޮށްފައިވަނީ އަމީނީމަގުގެ ދެފާރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާ ގޮތަށެވެ. އަދި ޑިޒައިންނަށް ރިޢާޔަތްކޮށް މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިންގ ނެޓްވޯކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކައް އަންނާނެއެވެ.

އަމީނީމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް، ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމައްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގްޝަންތަކެއް ވެސް ބަހައްޓާނެއެވެ.

އާރްޑީސީން ބުނީ އަމީނީ މަގު ތަރައްޤީ ކުރެވިގެންދާނީ ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދީގެން ކަމަށާއި އަމީނީމަގު އިތުރަށް ފެހިކުރުމައްޓައި ޓްރީ ޕޮޓް ބަހައްޓާނެ ކަމަށެވެ. އަދި އެ މަގު ނިމިގެން ދާއިރު މަގުގައި ބަސް ހުއްޓިތަކާއި ޕާކިންޒޯންތައް ހެދުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކޮށް ބަމްޕަރުތައް ހަދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ތާރީހަށްވުރެ އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އާރުޑީސީގެ މެނޭޖިންހގ ޑިރެކްޓަރު މޫސާ ޢަލީ މަނިކު (މޫކޭ) ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މި މަޝްއޫރު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ.

- ކޮމެންޓް