Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 16:45
ރައީސް، ވިއަވަތި ކޮންފަރެންސްގައި
ރައީސް، ވިއަވަތި ކޮންފަރެންސްގައި
ރައީސް އޮފީސް
ވިއަވަތި ކޮންފަރެންސް
ކައުންސިލްތަކަށް ދޭ ފައިސާ ބަހާގޮތް ބަދަލުކުރަން ފެނޭ: ރައީސް
ގްރާންޓްގެ ގޮތުގައި މިހާރު ދެމުން އަންނަ ފައިސާ ބަހާގޮތަށް ބަދަލު ގެންނަން ފެންނަކަމަށް ވިދާޅުވި
ކޮންމެ ރަށަކަށް ހަމަހަމަކޮށް ފައިސާ ދިނުމަކީ އިންސާފެއް ނޫންކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވި
ސިޓީތަކަށް ފައިސާ ދިނުމުގައިވެސް ބަލަންޖެހޭ ކަންކަން އެބަހުރިކަމަށް ރައީސް ވިދާޅުވި

ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި މިހާރު ދެމުން އަންނަ ފައިސާ ބަހާގޮތަށް ބަދަލު ގެންނަން ފެންނަކަމަށް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލ. އަތޮޅުގައި ކުރިއަށްގެންދިޔަ ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މާލީ ގޮތުން ރަށްރަށާއި ރައްޔިތުން ބާރުވެރިކުރުވުމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއް ކަންތައް ކަމަށާއި، ކޮންމެ ރަށެއްގައި ހުރިނަމަވެސް ބޭނުންވާ އަސާސީ ޚިދުމަތްތައް ހަމަހަމަގޮތެއްގައި ލިބެންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ، ރަށްތައް އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ހުންނަ މައްސަލަތައް ހައްލުކުރުމަށްވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކަށް ހަމަހަމަކޮށް ފައިސާ ދިނުމަކީ އިންސާފެއް ނޫންކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް އެމަނިކުުފާނު ވިދާޅުވިއެވެ.

ގުދުރަތީ ބޮޑެތި މައްސަލަތައް ކުރިމަތިވާ ރަށްރަށް އެބަހުރި. ލަފާ ފުރުމުގެ ދަތިކަން ހުރި ރަށްރަށް އެބަހުރި. ޗަސް ބިން އޮތް ރަށްރަށް އެބަހުރި. ގޯތި ދިނުމާ އެހެނިހެން ކަންކަން ކުރުމުގައި ދަތިތައް އެބަހުރި. އެހެންވެ، މިކަމަށް ވިސްނައިގެން ގްރާންޓް ކަނޑައެޅުމުގައި ގޮތްތަކެއް ހޯދަން އަޅުގަނޑަށް ފެނޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް އިތުރަށް ވިދާޅުވީ، ސިޓީތަކަށް ފައިސާ ދިނުމުގައިވެސް ބަލަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލް ވަކިކުރުމަށްފަހު ބާކީހުރި ސިޓީތަކަށް ވަކިގޮތަކަށް ފައިސާ ބެހުމުގެ އުސޫލެއް ކަނޑައެޅުމަށް ހުށަހަޅާފައިވާކަމަށާއި، އެއީ ރަނގަޅު ވިސްނުމެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްތަކަށް ގްރާންޓް ދިނުމުގެ އުސޫލަށް ބަދަލު ގެންނައިރު، ވަކި ރަށްތައް ހިމެނޭހެން ހުރި ސިޓީތަކާއި ގިނަ ރަށްތައް އެކުވެފައިވާ ސިޓީތަކަށް ފައިސާ ދިނުމުގައިވެސް ތަފާތުކުރުންތަކެއް ގެންގުޅެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ސިޓީތަކަށް މިހާރު އެ އޮތް 20 ޕަސެންޓް ގްރާންޓް، އެ ދޭއިރު މި ބައިވެސް އަޅުގަނޑު ހިތުން ބައި ކޮށްލަންވީ. ބައިކޮށްލާފަ މާލެއަށް ވަކި ގޮތެއް. ވަކިން އޮންނަ ސިޓީތަކަށް ވަކި ގޮތެއް. އަދި ގިނަ ރަށްތައް އެކުލެވިގެން އޮންނަ ސިޓީތަކަށް ވަކި ގޮތެއް ހެދުން ރަނގަޅު ގޮތަކަށް ވެދާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކައުންސިލްތަކަށް މިހާރު ހަމަހަމައަށް ގްރާންޓް ދޭތީ ބައެއް ދަތިތައް ހުރިކަން ކައުންސިލްތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މާލެ ސިޓީގައި ދައުލަތުން ދޭ ބައެއް ޚިދުމަތްތައް ރަށްރަށުގައި ދެމުން އަންނަނީ ކައުންސިލްތަކުގެ ދަށުން ކަމަށްވުމާއެކު، ޚަރަދުތައް އިތުރުވާކަމަށާއި ގްރާންޓް ދިނުމުގައި އެފަދަ ކަންކަމަށް ރިއާޔަތްކުރުމަށް ކައުންސިލްތަކުން ވަނީ އެދިފައެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ދަށަށް ޚިދުމަތްތައް ބަދަލުކުރާއިރު އެ ޚިދުމަތަކަށްވާ ބަޖެޓުވެސް ކައުންސިލްތަކަށް ދިނުމަށް ގިނަ ކައުންސިލްތަކަކުން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް