ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 07:01
އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު
އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު
ގެޓީ އިމޭޖަސް
އެންޓީގުއާ އެންޑް ބަރބޫޑާ
ހެޑް އޮފް ސްޓޭޓް ބަދަލުކުރަން ވޯޓު ނަގާނަން: އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު
އެ ޤައުމުގެ ހެޑް އޮފް ސްޓޭޓަކީ އިނގިރޭސި ރަސްގެފާނު ޗަރލްސް ތިންވަނަ

ކެރީބިއަންގެ ޤައުމެއް ކަމަށްވާ އެންޓީގުއާ އެންޑް ބަރބޫޑާގެ ހެޑް އޮފް ސްޓޭޓް ބަދަލު ކުރުމަށް ޤާނޫނު އިސްލާހުކޮށް ވޯޓު ނަގާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ގެސްޓޮން ބްރައުން ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އެންޓީގުއާ އެންޑް ބަރބޫޑާގެ ހެޑް އޮފް ސްޓޭޓަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު ދެވަނައެވެ. ނަމަވެސް އެކަމަނާ އަވަހާރަވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ތަހުތަށް އެކަމާނާގެ ދޮށީ ދަރިކަލުން ޗަރލްސް ތިނެއް ހަވާލުވެވަޑައިގަތުމާއެކު އެ މަގާމު ވަނީ ޗަރލްސްއަށް ވާރުތަވެފައެވެ. އެމަނިކުފާނަކީ އެ ޤައުމުގެ ހެޑް އޮފް ސްޓޭޓް ކަމަށް އާދީއްތަ ދުވަހު ވަނީ އިއުލާން ވެސް ކޮށްފައެވެ.

ޗަރލްސް ތިނެއް އެއީ އެންޓީގުއާ އެންޑް ބަރބޫޑާގެ ހެޑް އޮފް ސްޓޭތް ކަމަށް އިއުލާން ކުރެއްވުމަށްފަހު ބޮޑުވަޒީރު ބްރައުން ވިދާޅުވީ ތިން އަހަރު ތެރޭގައި ހެޑް އޮފް ސްޓޭތް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖަނަމަ އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށް އާއްމުންގެ ފަރާތުން މާގިނަ ހުށަހެޅުންތަކެއް ލިބިފައިނުވާކަން ވެސް ބްރައުން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ އިންތިޚާބުވެސް ކާމިޔާބު ކުރައްވާނީ ބްރައުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއީ މިހާރުވެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 17 ގޮނޑިން 15 ގޮނޑި ތަމްސީލު ކުރައްވަނީ އެމަނިކުފާނުގެ ޕާޓީގެ ބޭފުޅުން ކަމަށްވާތީއެވެ.

އެންޓީގުއާ އެންޑް ބަރބޫޑާގެ އިތުރުން އޮސްޓްރޭލިއާއިން ވެސް ވަނީ އެ ޤައުމުގެ ހެޑް އޮފް ސްޓޭޓް ބަދަލުކުރުމަށް ބޭނުންވާކަމަށް ބުނެފައެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވޯޓު ނަގާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވަނީ ވިދާޅުވެފައެވެ.

ޗަރލްސް ރަސްގެފާނަކީ މިހާރު އިނގިރޭސިވިލާތު ހިމެނޭހެން 14 ޤައުމެއްގެ ހެޑް އޮފް ސްޓޭޓްއެވެ. މީގެ ތެރޭގައި އެންޓީގުއާ އެންޑް ބަރބޫޑާ އާއި އޮސްޓްރޭލިއާ އާއި ދަ ބަހާމާސް އާއި ބެލީޒް އާއި ކެނެޑާ އާއި ގްރެނާޑާ އާއި ޖަމައިކާ އާއި ނިއުޒިލެންޑާއި ޕަޕުއާ ނިއުގިނީ އާއި ސެއިންޓް ކިޓްސް އެންޑް ނެވިސް އާއި ސެއިންޓް ލޫޝިއާ އާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް އާއި ސޮލޮމަން އައިލެންޑްސް އާއި ޓޫވަލޫ ހިމެނެއެވެ.

މިދިޔަ އަހަރު ބަރބޭޑޯސް އިން ވެސް ވަނީ އެ ޤައުމުގެ ހެޑް އޮފް ސްޓޭޓްގެ މަގާމުން ރާނީ އެލިޒަބަތު ދެވަނަ ވަކި ކުރުމަށްފަހު ރައީސްއެއް ހޮވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް