ފަހު ހާފްގެ ލަނޑު ތަކުން މަޔޯކާ ބަލިކޮށް, ޗެމްޕިއަން ރެއާލް މެޑްރިޑުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
ރެއާލް އަލުން ތާވަލްގެ އެއްވަނައަށް ޖެހިލީ 4-1 ން ރެއާލް މަޔޯކާ ބަލިކޮށްގެންނެވެ. މެޗު ރެއާލްއިން ކާމިޔާބުކުރީ ފުރަތަމަ ހާފްގައި މަޔޯކާއިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށެވެ. 35 ވަނަ މިނިޓްގައި މަޔޯކާއަށް ކުރިހޯދައިދިނީ މުރިގީއެވެ. އެކަމަކު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލަނޑުޖަހާ ފެޑެރީކޯ ވަލްވާޑޭ ނަތީޖާ ހަމަހަމަކޮށްދިނެވެ. ރެއާލްއިން މެޗުގައި ލީޑް ނެގީ 72 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއަރ ޖެހި ލަނޑުންނެވެ. ރެއާލްގެ ތިންވަނަ ލަނޑު 89 ވަނަ މިނިޓްގައި ޖެހީ ރޮޑްރީގޯއެވެ. ވިނީޝިއުސް ޖޫނިއަރ ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިނީވެސް ރޮޑްރީގޯއެވެ. ރެއާލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޗެލްސީ ދޫކޮށް މިސީޒަންގައި ރެއާލްއާ ގުޅުނު ޖަރުމަނުގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާއެވެ. މިއީ ރެއާލްއަށް ބަދަލުވެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި އަނިޔާގެ ސަބަބުން ކެޕްޓަން ބެންޒިމާ ނުކުޅެއެވެ.
މިމެޗަށް ނިކުތް އިރު އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. އެއީ 4-0 ން ކަޑިޒް ބަލިކޮށް ހޯދި މޮޅާއެކު 13 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު ރެއާލްއިން ފަސް މެޗު ހަމަކޮށް މިހާރު އޮތީ 15 ޕޮއިންޓާއެކު އެއްވަނައިގައެވެ. ރެއާލް ލީގުގައި ކުޅުނު ފަސް މެޗުންވެސް ވަނީ މޮޅުވެފައެވެ.