ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 14:11
ބިދޭސީން
ބިދޭސީން
ރާއްޖެއެމްވީ
ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން
ބިދޭސީންނަށް މިނިމަމް ވޭޖް ދޭ ތާރީޚު ބަދަލުކުރަން ހުށަހެޅި އިސްލާޙު އަނބުރާ ގެންދިއުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހަށް އެކަމާގުޅޭ ބިލެއް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި
މިހާރު ޤާނޫނު އޮތް ގޮތުން ނަމަ މި މަހުގެ 22 އިން ފެށިގެން ބިދޭސީންނަށް ވެސް އެންމެ ކުޑަ އުޖޫރަ ލިބެންޖެހޭ

ބިދޭސީންނަށް މިނިމަމް ވޭޖް ދޭ ތާރީޚު ބަދަލުކުރަން ހުށަހެޅި އިސްލާޙު އަނބުރާ ގެންދިއުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ ތާރީހުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ތަރީޚު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައެވެ.

ޓްރާންސްޕޭރެންސީން ވަނީ އެ އިސްލާޙު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އެގޮތުން ޓްރާންސްޕޭރެންސީން ވަނީ އެ އިސްލާހަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުން މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރައްވާ އަމުރަށް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް ދީފައިވާ މުއްދަތަކީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެހެންކަމުން މިހާރު ޤާނޫނު އޮތް ގޮތުން ނަމަ މި މަހުގެ 22 އިން ފެށިގެން ބިދޭސީންނަށް ވެސް އެންމެ ކުޑައުޖޫރަ ލިބެންޖެހެއެވެ.

އެ މުއްދަތަށް ބަދަލު ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހުށަހަޅާފައިވާ އެ ބިލަކީ ވަޒީފާ އާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަަހެޅި އިސްލާހެކެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ބުދަ ދުވަހު ވަނީ އިއްވާފައެވެ.

އެ ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވަނީ ދުނޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ޙާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް، ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް ލާޒމުކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމެވެ. އަދި އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި، އެކަން ކުރުން ލާޒިމް ވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ޙާލަތާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅާ ތާރީހެއްގައި ކަމަށް ކަނޑައެޅުމަށް އެ އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

- ކޮމެންޓް