Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 11:55
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ސާލިހު
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ސާލިހު
ރައީސް އޮފީސް
ވިއަވަތި ރާއްޖެ ކޮންފަރެންސް
ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު - ރައީސް
ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއަރޕޯޓެއް ކަމުގައިވިޔަސް، މީގައި ވަކި ތަފާތެއް ނެތް
މި ހިނގާ ކޮންމެ ސިޔާސަތަކީ، ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ތަރައްޤީ
މަގާމުގައި ދެމި މިހުންނަނީ މި މަސައްކަތް މުޅިން ނިންމައި، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް

ލާމަރުކަޒީ ނިޒާމަކީ، މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެބޮޑު އިދާރީ ބަދަލު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ 3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައިސް ވިދާޅުވީ އަތޮޅެއް، ރަށެއްގައި މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއްޖެހީ މަރުކަޒީކޮށް، މި ރަށްތައް ގުޑިނުލެވޭވަރުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް، މިހާރު މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫޢެއް ކަމުގައިވިޔަސް، އެއީ އެ ރަށަކަށްޓަކައި ކުރާ ކަމެއް ކަމަށެވެ. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއަރޕޯޓެއް ކަމުގައިވިޔަސް، މީގައި ވަކި ތަފާތެއް ނެތް ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ މި ހިނގާ ކޮންމެ ސިޔާސަތަކީ، ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ތަރައްޤީ ކަމަށެވެ. ބޭނުންފުޅުވަނީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު އިޚްތިޔާރުކުރާ ތަނެއްގައި، އުފާފާގަތިކަމާއި، ޢާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ނެތް، މި ރަށުގައި ހުރި ކިތަންމެ ފުރުޞަތަކާއި، ޚިދުމަތަކާއި، ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުރި ކަމަށް ރައިސް ވިދާޅުވިއެވެ.

މީގެ ކޮންމެ ދެ ރަށެއް އާރު.ޓީ.އެލް.ގެ ޒަރީޢާއިން ދުވާލަކު ދެއިރު ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ. އޭރުން އެވާގޮތަކީ، ދިރިދިރި ހިނގަހިނގާ އޮތް އިޤްތިޞާދެއްގެ ތަނަވަސްކަން އެންމެންނަށް ލިބުން. މި ދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ ފަތް، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރު ކުރޭ. އަދި މިނޫނަސް އެތައް ރަށެއްގެ އާދަޔާ ޚިލާފު މާދަރީ އުފެއްދުން ހުރޭ. އާރު.ޓީ.އެލް. މެދުވެރިކޮށް މި ތަކެތި ފީނުވެ، ބޮޑު ތިލަދުންމައްޗަށް ރައްދުކުރެވި، އެ ރަށަކަށް އެ ރަށެއްގެ އަގު، އިރުއޮއްސުމުގެ ކުރިން މިހާރު ލިބޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އިސްދޫ މުލީގައި އަޅާ އިޤްތިޞާދީ އޮއިވަރު، މާވަށް ގުރައިދޫ ކަނޑުއޮޅިއަށް ވާޞިލުވާ ކަމަށެވެ. އެންމެންގެ ޖީބަށް އެ ތަނަވަސްކަން އަންނަންޖެހޭނެ ކަމަށާއި، އެއީ ވިއަވަތި ޖަޒީރާ ރާއްޖެ ހިންގަންޖެހޭގޮތް ކަމަށެވެ. އާ ގޮތަކުން މާމޮޅު އަނެއްގޮތް ގެނެސްދެނީ މި ނިޒާމު ކަމަށް ރައީސް ވިދާޅުވިއެވެ.

ތިޔަބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުވެ ތިޔަ ތިއްބެވީ، ތަރައްޤީގެ މި މަސައްކަތް ކުރެއްވުމަށް. އަޅުގަނޑު މި މަގާމުގައި ދެމި މިހުންނަނީ މި މަސައްކަތް މުޅިން ނިންމައި، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް. އެނޫން އެއްވެސް ބޭނުމެއް، އަމާޒެއް އަދި ތަޞައްވުރެއް އަޅުގަނޑުގެ ނެތް. އާރު.ޓީ.އެލް.ގެ ބާރު ދުވެއްޔާއި، އަރާމު އުޅަނދުފަހަރު ބޮޑު ތިލަދުންމަތި އެއްކޮށް ގުޅައި، އަމުނައި، ގަތައި ބަދަހިކޮށްފި. އަޅުގަނޑު މި ދެންނެވި ގޮތަށް، އެ ސަރަޙައްދުގެ 41 ރަށް އެދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުން. ދޮޅުހާސް، ދެހާސް ރުފިޔާއަށް ކުރިން ކުރި ދަތުރު، ފަސްދޮޅަހަށް، ސަތޭކައަށް ތިރިވެއްޖެ. މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ދަތުރަށް އަރައިފި. ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް، މި ނިޒާމުން ގުޅައިލުމުގެ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ކުރިއަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ޞިއްޙީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށެވެ. އެއާއެކުވެސް މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެމުން އައީ ސަރުކާރުގެ ކޮންމެ ހިޔާވައްސަކަށް ބޭނުންވާ އިތުރު ބަދަލާއި ފުރިހަމަކަން ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް އަމާޒު ކުރެވިފައިވަނީ، އެ ޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ޙަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ޙައްޤު. ކުރާ މަސައްކަތުގައި މުޅި ޢުމުރު އަވަދިކުރަމުންދާ މީހާއަށް ޙައްޤު އުޖޫރަ ލިބެންޖެހޭނެ. ޒަމާނުއްސުރެ ނުވެއޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ. އެ ފައިސާ އަތަށް ލިބިއްޖެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެ. ޤާބިލް، އެކަށޭނަ ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމަށް އޮތް އެންމެބޮޑު ހުރަސް އަޅުގަނޑުމެން ނައްތާލައިފިން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ސަރުކާރުން ގެނައި މި އިންޤިލާބީ ހެޔޮ ބަދަލަކީ، ކޮންމެހެން ކުރަންޖެހި، ނުވެ އޮތް ކަމެއް ކަމަށެވެ. މުސާރައިގެ ހެޔޮ ބަދަލު ދެން އިރާދަކުރެއްވިއްޔާ، އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް ކަމަށާއި، ރަށްތަކުގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ބަދަލު، މި އަހަރުގެ ހައި އެޗީވަރސް އެވޯޑް ޙާޞިލްކުރި ދަރިވަރުންގެ ޢަދަދުން ފެނިގެން ހިނގައްޖެ ކަމަށެވެ.

އެކަހެރި ކުދި ރަށްރަށުގެ މަދަރުސާތަކުގެ ދަރިވަރުން ސިއްސައިގެންދާވަރުގެ މަތީ ނަތީޖާ އެ ހޯދީ މުޅި ދުނިޔެއާ ވާދަކޮށްގެން ކަމަށާއި، ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާ ކުދި ސްކޫލްތަކުން އެކަން އެވަނީ ސާބިތުކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް