4-0 ން ކަޑިޒް ބަލިކޮށް, ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ބާސާ އެއްވަނައަށް ޖެހިލީ ކުރިން އެއްވަނާގައި ރެއާލް މެޑްރިޑަށްވުރެ އިތުރަށް ފުޓުބޯޅަ މެޗެއް ކުޅެގެން, ޕޮއިންޓެއްގެ ފަރަޤަކާއެކުއެވެ. ބާސެލޯނާ އެއްވަނާގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. ދެވަނާގައި ރެއާލް މެޑްރިޑް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ. އާދިއްތަ ދުވަހު ހަވީރު މަޔޯކާ އަތުން މޮޅުވެގެން ރެއާލްއަށް އަލުން އެއްވަނައަށް ޖެހިލެވޭނެއެވެ.
ކަޑިޒް އަތުން މޮޅުވި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ ޑި ޔޮންގއެވެ. ދެވަނަ ލަނޑު ޖެހީ ރޮބާޓް ލެވާންޑޯސްކީއެވެ. ބާސާއިން ތިންވަނަ ލަނޑެއް ޖެހުމުގެ ކުރިން މެޗު 50 މިނިޓަށް މެދުކަނޑާލިއެވެ. އެއީ ސަޕޯޓަރަކަށް ދިމާވި ޞިއްހީ މައްސަލައެއްގެ ސަބަބުންނެވެ. ދުވަސްވީ އަންހެން ސަޕޯޓަރަކަށް ހިތުގެ މައްސަލައެއް ކުރިމަތިވެ މެޗު މެދުކަނޑާލިއިރު ބާކީ އޮތީ 10 މިނެޓެވެ. ސަޕޯޓަރަށް ފަރުވާ ދިނުމަށް މެޑިކަލް ކިޓް ފޯރުކޮށްދިނީ ކަޑިޒްގެ ކީޕަރު ލެޑެސްމާއެވެ. އޭނާ ވަނީ ބާރަށް ދުވެ ދަނޑު ހުރަސްކޮށް ސަޕޯޓަރުން ތިބި ސްޓޭންޑަށް މެޑިކަލް ކިޓް ގެންގޮސްދީފައެވެ. އަދި ފުރަތަމަ ފަރުވާ ސްޓޭޑިއަމްގައި ދިނުމަށްފަހު ހޮސްޕިޓަލަށް ގެންގޮސް ސަޕޯޓަރުގެ ފުރާނަ ސަލާމަތްކުރިއެވެ. މެޗު މެދުކަނޑާލުމާ ގުޅޭގޮތުން ބާސެލޯނާގެ ކޯޗު ޒަވީ ބުނީ އެކަން ކުރީ ދެޓީމުންވެސް އެގޮތް ބޭނުންވެ, އެއްބަސްވެގެންކަމަށެވެ.
އަލުން މެޗު ފަށައިގެން ބާސެލޯނާގެ ތިންވަނަ ގޯލް ޖެހީ ފާޓީއެވެ. އަދި ފަހު ގޯލް އިތުރު ވަގުތުގައި ޖެހީ ޑެމްޕެލޭއެވެ. މެޗުގައި ލެވާންޑޯސްކީ ޖެހި ގޯލަކީ ހަ މެޗުން ޖެހި ނުވަވަނަ ގޯލެވެ. މެޗުގައި ގޯލް ޖެހުމުގެ އިތުރުން އޭނާ ވަނީ ފަހު ދެގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދީފައެވެ. ބާސާއިން ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މިއީ ބާސެލޯނާ ލީގުގައި ވިދިވިދިގެން މޮޅުވި ހަތަރު ވަނަ މެޗެވެ.