ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 11:18
ސަރފީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގަވަރުނަރު އަލީ ހާޝިމް ޗެއަރގެ ހައިސިއްޔަތުން ވާހަކަދައްކަވަނީ
ސަރފީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގަވަރުނަރު އަލީ ހާޝިމް ޗެއަރގެ ހައިސިއްޔަތުން ވާހަކަދައްކަވަނީ
އެމްއެމްއޭ
ދެކުނު އޭޝިއާގައި މާލީ ބައިވެރިވުން އިތުރުކުރުން
ދެކުނު އޭޝިއާގައި މާލީ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި އުފެއްދި "ސަރފީ" އިފްތިތާހުކޮށް ޗެއަރ އަކަށް ރާއްޖެ
ރާއްޖެ ހޮވާފައިވަނީ ސަރފީގެ ފުރަތަމަ ދައުރުގެ ޗެއާއަކަށް
ސަރފީގެ ޗެއާގެ ހައިސިއްޔަތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ރާއްޖޭން ދޭނެ ކަމަށް ގަވަރުނަރު ވިދާޅުވި

ދެކުނު އޭޝިއާ ސަރަހައްދުގައި ފައިނޭންޝަލް އިންކްލޫޝަން ނުވަތަ މާލީ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި އުފެއްދިން ސަރފީ އިފްތިތާހުކޮށްފިއެވެ.

ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނީޝިއޭޓިވް (ސަރފީ) އުފައްދާފައިވަނީ އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) އިން އިސްނަގައިގެންނެވެ. މި އިނީޝިއޭޓިވް އިފްތިތާހު ކޮށްފައިވަނީ ޖޯޑަންގައި ކުރިއަށްދާ އަފީގެ ގްލޯބަލް ޕޮލިސީ ފޯރަމުގައެވެ.

އަފީގެ މި އިނީޝިއޭޓިވްގެ ޗެއަރ ގެ ގޮތުގައި ހޮވާފައިވަނީ ރާއްޖެއެވެ. އަފީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާލީ ބައިވެރިވުން އިތުރުކޮށް މާލީ ބައިވެރިވުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމަށް ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ މެންބަރު ނެޓްވޯކްއެކެވެ.

ދުނީޔޭގެ ވަކި ވަކި ސަރަހައްދުތަކުގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަފީއިން ވަނީ ރީޖަނަލް އިނީޝިއޭޓިވްތަކެއް އިފްތިތާހު ކޮށްފައެވެ. އެގޮތުން، ދެކުނު އޭޝިއާއަށް ހާއްސަކޮށްގެން އުފެއްދި ސަރފީގެ މައިގަނޑު މަޤްސަދަކަށް ވެގެންދާނީ މި ސަރަހައްދުގެ ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ސަރަހައްދީ އެއްބާރުލުން އިތުރުކޮށް މި ސަރަހައްދުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމެވެ.

ސަރަހައްދީ ގައުމުތަކުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުތައް ދެނެގަނެ މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަކީ ސަރފީގެ އުފެއްދުމުގެ މުހިންމު މަގްސަދެކެވެ.

ސަރފީ އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ސަރފީގެ ފުރަތަމަ ދައުރުގެ ޗެއަރގެ ހައިސިއްޔަތުން ދެކުނު އޭޝިއާ ސަރަހައްދުގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ކުރައްވާނެ މަސައްކަތްތަކަށް އަލި އަޅުވައިލައްވާފައެވެ. އަދި މާލީ ބައިވެރިމުވާ ގުޅޭ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލުމުގައި ސަރަހައްދީ ގައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ސަރފީ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި އަފީގެ މެނޭޖްމަންޓްއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންނާއި އަފީ މެންބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް