ރައްޔިތުންގެ މަންފާއަށްޓަކައި އަދި ވަކި ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ދައުލަތުން ދެމުން އަންނަ ސަބްސިޑީ ރިފޯމް ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަބްސިޑީ އެންމެ ބޭނުންތެރި މީހުންނަށް ދިނުމަކީ އިގްތިސާދީ ގޮތުން ބަލާއިރު އެންމެ ރަނގަޅު އެއް ވިސްނުން ކަމަށެވެ. ސަބްސިޑީ ބޭނުން ނުވާ މީހާއަށް ވެސް ސަބްސިޑީ އެބަދެވޭ ކަމަށާއި، ފޯރުންތެރި އާމްދަނީ ރަނގަޅު މީހާއަށް ވެސް ސަބްސިޑީ އެބަދެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަދި ހަދާފައި ހުރި އެކިއެކި ރިޕޯޓްތަކުން ވެސް ފާހަގަވަނީ ސަބްސިޑީ ދެވޭގޮތް ކޮންމެވެސް ވަރަކަށް ބަދަލުކުރަންޖެހޭ ކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރެއް މި އޮންނަނީ ކޮންމެވެސް ވަރެއްގެ ސޭފްޓީނެޓެއް ރައްޔިތުންނަށް ދިނުމަށްޓަކައި. ތަކެތީގެ އަގާއި ތެލުގެ އަގު ވަރަށް ބޮޑަށް މަތިވެގެންދާއިރު، ކޮންމެވެސް ވަރެއްގެ ސޭފްޓީ ނެޓެއް ސަރުކާރުން ހިފަހައްޓަންޖެހޭނެ ކަމަށް ގަބޫލުކުރަން. އެކަންތައްތަކާ އެކު ސަބްސިޑީ ދެވޭ ގޮތް ރިފޯމް ކުރަންޖެހޭ. އެ މަސައްކަތް ކުރަމުން އަޅުގަނޑުމެން އެބަދަންފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބްސިޑީއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަރަންޓު ދިނުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުން އަންނަ ކަމަށެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުގައި މި އަހަރު ޖަހާފައި އޮންނާނީ 341.5 މިލިއަން ރުފިޔާ، އެއީ އޭރު ތެލުގެ އަގު، ދުނިޔޭގެ މާކެޓުގައި ހުރިވަރަށް ބަލާފައި ކަމަށެވެ. އެހެން ނަމަވެސް، ތެލުގެ އަގަށް އައި ބަދަލާއެކު، އިތުރަށް 1.6 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ދޭންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ސަބްސިޑީ ދިނުމުގައި، ބަދަލުތަކެއް ގެނައުމުގައި ދިރާސާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިހާރު ސަބްސިޑީ ދޭ އުސޫލު، ފުޑް ސަބްސިޑީވިޔަސް، ފިއުލް ސަބްސިޑީވިޔަސް، ޑައިރެކްޓް ސަބްސިޑީއެއް މީގައި ދެވޭނީ ކިހިނެއްތޯ، ފަސޭހައިން ދެވޭނީ ކޮންގޮތެއްތޯ ބަލާފައި، އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.