އަމިއްލަފުޅު މަސައްކަތުގެ ހަޔާތުގައި މިއަށްވުރެން ވަކި ބާރަށް ތަރައްޤީ ކުރިއަށްދާ ޒަމާނެެއް ދެކިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތަރައްޤީގެ ކަންތައްތައް ބާރަށް ކުރިއަށްދަނީ ރާއްޖެއަށް އައި ވާދަވެރި ސިޔާސީ ހަރަކާތްތައް އިތުރުވުމުން ކަމަށެވެ.
ތަރައްޤީގެ ކުރިމަގުގައި ކުރަން ހުރި ކަންތައްތައް ވަރަށް ބައިވަރު ކަމަށާއި ދާން ބޭނުންވާ ބާރު މިނުގައި މަޝްރޫއުތައް ކުރިޔަށް ދިޔުމުގައި ތަފާތު އެކި ގޮންޖެހުންތައް ހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް އެބަ ގެންދާ ކަމަށް ވިދާޅުވިއެވެ.
ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމުން އުނގޫފާރު ރައްޔިތުން ބޭނުންވާ ކަރަންޓު ރައްޔިތުންނަށް ޔަޤީންކަމާއެކު ލިބޭނެ ކަމަށާއި މިއަށްވުރެ ވެސް ފެންވަރު ރަނގަޅަށް ލިބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކުރިޔަސް އެކަމުގައި ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށް ވެސް ވިދާޅުވިއެވެ. ތަރައްޤީގެ މަސައްކަތް ކުރިއަށް ނުދާ ރަށެއް ރާއްޖޭގައި މިހާރު ނޯންނާނެ ކަމަށާއި މި ދައުރު ނިމޭއިރު ފެނާއި ނަރުދަމާގެ ޙިދުމަތް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަަސްލަމް އިތުރަށް ވިދާޅުވީ މުޅި ރ. އަތޮޅަށް ބަލާލިކަމުގައިވީނަމަވެސް އެކިރަށްތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ.