ގައީދީން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް ޕެރޯލް ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނީ ގޮތުން އެކަމަށް މަގުފަހިކުރުމަށްޓަކައި ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ، ޖަލުތަކަށް އިސްލާހީ ބަދަލު ގެންނަން މަސައްކަތްކުރަނީ މުޅި މުޖުތަމައު އިސްލާހުކުރުމަށް ކަމަށެވެ. އަދި ކުށްވެރިން ކިތަންމެ ވަރަކަށް ޖަލަށްލިޔަސް މުޖުތަމައުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ އެމީހުން އަނބުރާ މުޖުތަމައަށް ނެރޭއިރު އެމީހުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ކަމަށެވެ.
ތަފާތު ކުށްތައް ކުރާ ގިނަ މީހުން އެއްތަނެއްގައި ގެންގުޅުމަކީ ގޮންޖެހުން ބޮޑު އުނދަގޫ މަސައްކަތެއް ކަމަށާއި، ޖަލުތައް ބެލެހެއްޓުމަށް ދިމާވެފައި އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ތޮއްޖެހުން ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަރުކަށި ފިކުރުގެ ވަރުގަދަ ހަރަކާތްތައް މާފުށީ ޖަލުގައި ހިންގަމުންދާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓަކީ ސަރުކާރުން ބޭނުންވެގެން ކުރި ދިރާސާއެއް ކަމަށާއި، ޓްރާންސްޕޭރެންސީއަށް އެ ދިރާސާ ކުރުމަށް ހަވާލުކުރީ މުޅިން މިނިވަން ބަޔަކާ އެ ދިރާސާ ކުރުމަށް ހަވާލުކޮށް ޖަލުގެ ހާލަތު ދެނެގަތުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ދިރާސާއިން އެނގުނު ގޮތުގައި ގައިދީން ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަމަށާއި، އެއީ މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމުގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައި، ތަފާތު ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ޖަލުތަކުގައި ހިނގާ ދެ ކަންތައް ނޫންކަމަށާއި މުޅި މުޖުތަމައުގައިވެސް މޫލައި، ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަކަމަށް ވިދާޅުވިއެވެ.
ޖަލުތައް ހިންގުމުގެ ކަންތައްތައް ހަރުދަނާކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަވިކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރު ކުރުމުން މައްސަލަ ހައްލު ނުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ގައިދީންނަށް އެކަމާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގަންޖެހޭކަމަށެވެ. އެކަމަށްޓަކައި ޚާއްސަކޮށްގެން 100 މީހުންނަށް ޚާއްސަ ޔުނިޓެއް ޖަލުގައި ގާއިމުކޮށް އެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޖަލު ބަންދުގައި ހުއްޓައި، އެއްވެސް މީހެއް އަސާސީ ހައްގާއި އިންސާނީ ކަރާމާތް ނަގާލުމަކީ ގަބޫލުކުރާ ކަމެއް ނޫންކަމަށާއި، ދައުލަތުގެ ބެލުމުގައި އެމީހަކު ހުންނަހާ ހިނދަކު އެކަންތައްތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ރައީސް ވިދާޅުވިއެވެ.