ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 13:21
އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އަދާލަތު ޕާޓީ
ރިޔާސީ އިންތިޚާބު
ކެންޑިޑޭޓަކު ނެރެން އަދި މާ އަވަސް، މިތިބީ ކޯލިޝަނާއެކު: އިމްރާން
2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް
މިއަހަރުގެ ޑިސެމްބަރުގައި ޕާޓީން މަޝްވަރާ ކުރާނެ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަދާލަތު ޕާޓީން ކެންޑިޑޭޓަކު ނެރެން އަދި މާއަވަސް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވީ މިއަހަރުގެ ޑިސެމްބަރުގައި ޕާޓީން މިކަމާމެދު މަޝްވާރާ ކުރާނެ ކަމަށާއި އަދި ކޯލިޝަނާއެކު ތިބި ކަމަށެވެ.

މާތްﷲ އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް ވިދާޅުވެ އިމްރާން ވަނީ ޓުވީޓް ކުރައްވާފައެވެ. މިކަމާއި ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން އިމްރާން ވިދާޅުވީ ރާއްޖޭގެ މުޅި ނިޒާމު އިސްލާހު ކުރުމަށް އެ އަހަރު ކެންޑިޓޭޓަކު ނެރެން މުހިންމު ކަމަށެވެ.

އިސްލާހީ މަސައްކަތްތަކަކީ ވަކި ހަމަތަކެއްގެ މަތިން ކުރެވިގެން އަންނަ ކަމެއް ކަމަށާއި އަދާލަތު ޕާޓީގެ އަމަޒަކީ ސްޓްރެޓެޖިކް ގޮތަކަށް މަސައްކަތްތައް ބައްޓަންކޮށް 2033 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭނެއް ވަނީ ފާސްކޮށްފައެވެ. ސްޓްރެޓެޖިކް ޕްލޭންގައި މައިގަނޑު އަށް ދާއިރާއަކުން ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވެއެވެ.

2033 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީން ޕްލޭނެއް ފާސްކުރިއިރު މިހާތަނަށް އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކޮށްފައެއް ނުވެއެވެ. އަދާލަތުން ވަނީ އެޕާޓިގެ މެންބަރުންގެ ޢަދަދު އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއެކު އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށްވެސް ނިންމާފައިވެއެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވާއިރު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނެރޭނެ ކެންޑިޑޭޓަކާމެދު އަދި މަޝްވަރާ ނުކުރައްވާ ކަމަށް ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެކި ޕާޓީތަކުން ފަށާފައިވާއިރު ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނެ ކަމަށާއި ނަމަވެސް ކުރާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އެ ޕާޓީން ވެސް ވަނީ ބުނެފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް އަދި ނިންމާފައި ނުވާ ކަމަށް އެމްޑީޕީ ބުނެފައިވާއިރު ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ވަނީ އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް