ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 10:11
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ގްރީން ޓެކްސް
މިތިބީ ގްރީން ޓެކްސް ނުނަގާ ހާލަތެއްގައި ނޫން – ރައީސް ނަޝީދު
ޖުލައިން ފެށިގެން ގްރީން ޓެކްސް ނަގާފައިވާނަމަ އެ ޓެކްސް ދައުލަތަށް ދައްކަންޖެހޭނެކަމަށް ބުނެފައިވޭ
12 ވަނަ އިސްލާހުގައި 22 ޖުލައިން ފެށިގެން ގްރީން ޓެކްސް ނެގޭނެ ގޮތް ބަޔާންކޮށްފައިވޭ
ޓުއަރިޒަމް ގާނޫނުގެ 11 ވަނަ އިސްލާހާއެކު ގްރީން ޓެކްސް ނެގުން ސަސްޕެންޑްވެގެން ދިޔަ

މިތިބީ ޓުއަރިޒަމާއި ބެހޭ ގާނޫނުގެ ދަށުން ގްރީން ޓެކްސް ނުނަގާ ހާލަތެއްގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ގްރީން ޓެކްސް ނަގަން ފަށާނެ ތާރިހަކި 1 ޖެނުއަރީ 2023 ގައި ކަމަށް އެންމެ ފަހުން މި ގާނުނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާތީ މި މައްސަލަ ހައްލުކުރުމަށް މަޖިލީހަށް ހުށަހެޅުނު ބިލާއި ގުޅޭގޮތުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ބިލަށް ދިމާވެފައިވާ ގޮތަކީ، މަޖިލީހުން ފާސްކޮށްފައިވަނީ ގްރީންޓެކްސް، މީހުން ދިރިއުޅޭ ރަށްރަށުން 6 ޑޮލަރުގެ ބަދަލުގައި 3 ޑޮލަރު ނެގުމަށް ނިންމާފައިވާތީ، ކޮންމެވެސް ބޭފުޅުންކޮޅަކަށް ލަފާކުރެވިފައިވަނީ ގާނޫނުގައި އޮތްގޮތުން އަލުން ޓެކްސް ނަގަން ފަށަނީ ހުސްކަމެއްގައި ތެރޭގައި ތިއްބަވާފައި ކަމަށެވެ. އަދި އެއީ ޓެކްސް ނުނަގާ ހާލަތެއްގައި ތިބެފައި ކަމަށާއި، އެހެންނަމަވެސް މިތިއްބެވީ ޓެކްސް ނުނަގާ ހާލަތެއްގައި ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގައި އޮތްގޮތާއި އަލުން ނަގާ ގޮތާއި، މި ބަސްތަކުންނާ އެކީގައި ޓެކްސް ނުނަގާ ހާލަތަކުން ޓެކްސް ނަގާ ހާލަތަކަށް ބަދަލުވެފައި އޮތްކަން ސާފުވެފައި އޮތް އިރު ވެސް އަލުން އަނބުރާ އަނެއްކާ މި ބިލު މަޖިލީހަށް ހުށަހަޅަން މިޖެހެނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މަޖިލީހަށް ބިލު ތާރަފްކުރައްވަމުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ މަޖިލީހަށް ބިލު ހުށަހަޅާ ސަބަބު ސާފުކޮށްދެއްވާފައެވެ.

ބިލު ހުށަހަޅާ ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ ޓުއަރިޒަމާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ގްރީން ޓެކްސް ނެގުމަށް ކަނޑައެޅިފައިވާ އުސޫލު އިތުރަށް ސާފުކޮށްދިނުމަށްޓަކައި މި ގާނުނަށް އިސްލާހު ގެނައުމަށްޓަކައި އެ ގާނޫނުގެ ދަށުން 1 ޖެނުއަރީ 2023ން ފެށިގެން ނެގުމަށް ކަނޑައެޅިފައިވާ ގްރީން ޓެކްސް ނަގަން ފަށަން 3 ޖުލައި 2022ގެ ކުރިން އެ ގާނޫނުގެ ދަށުން ނަގަމުންދިޔަ ގްރީންޓެކްސް ނެގުމުންދާނެކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށާއި، އެ ނޫން ވެސް ކަމަކާއި ގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މި އިސްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓްތަކާއި، ރިސޯޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި އެ ނޫންވެސް އަފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެއެވެ.

35 ވަނަ މާއްދާގެ (އ) އަށް ގެނައި އިސްލާހަކީ 1 ޖެނުއަރީ 2023ން ފެށިގެން ގްރީން ޓެކްސް ނަގަން އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއީން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި، 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ޓުއަރިޒަމާއި ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް 4 އަކުރު އިތުރުކުރުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. 35 ވަނަ މާއްދާގެ (މ) ގެ ގޮތުގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023 ގައި ނަގަން ފެށުމާއި ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 އެެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

މި މާއްދާގެ (ފ) ގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023 ގައި ނަގަން ފެށުމާ ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަަމަށެވެ.

35 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވަނީ ގްރީން ޓެކްސް، އެ މާއްދާތަކުގައި ބަޔާންކުރާ ޓޫރިސްޓުންގެ އަތުން ނަގައި، ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.

35 ވަނަ މާއްދާއަށް އިތުރުކުރަން ބިލުގައި ހުށަހަޅާފައިވާ ފަހު އަކުރު (ތ) ގައި ބުނެފައިވަނީ 3 ޖުލައި 2022ން ފެށިގެން ޓުއަރިޒަމާ ބެހޭ ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ވާނެކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 36 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އިތުރުކުރުމަށް ބުނެފައިވާ އަކުރުގައި ވަނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގްރީން ޓެކްސް، މި ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްޗެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތައް ދައްކަންވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް