Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 06:35
މިނީ ބަސް
މިނީ ބަސް
އެމްޓީސީސީ
މާލެ ސަރަހައްދުގެ ބަހުގެ ޚިދުމަތް
ދުވާލެއްގެ މައްޗަށް 19،000 އާއި 20،000 އާއި ދެމެދުގެ އަދަދަކަށް ކަސްޓަމަރުންނަށް ބަހުގެ ޚިދުމަތް ދެން: އެމްޓީސީސީ
މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދުތަކެއްގައި ވަނީ ފަށާފައި
މިނީ ބަހުގެ ޓިކެޓު ނަގާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ
ކޮންމެ ދުވަހަކުވެސް ފަތިހު 5:45 ގައި ދަތުރުތައް ފަށާ ގޮތަށް މެންދަމު 12:15 އާ ހަމައަށް ދަތުރުތައް ކުރިއަށްދާނެ

މިހާރުވެސް ދުވާލެއްގެ މައްޗަށް 19،000 އާއި 20،000 އާއި ދެމެދުގެ އަދަދަކަށް ކަސްޓަމަރުންނަށް ބަހުގެ ޚިދުމަތް ދެމުންދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް މެނޭޖަރު އަބްދުﷲ ފާރިޝް ހުސެއިން ވިދާޅުވީ ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާއި އެކު ބަހުގައި ޚިދުމަތް ހޯދާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވަނީ ކިއުއާރު ޓިކެޓިން މެދުވެރިކޮށް ޓިކެޓު ނަގައި، ކިއުއާރުކޯޑު ދައްކާލުމުން ބަހުގައި ދަތުރުކުރެވޭނެ ކަން ފާހަގަކޮށްފައެވެ. އަދި މިނީ ބަހުގެ ޓިކެޓު ނަގާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނީ ބަހުގެ ޚިދުމަތާއި ގުޅޭ ގޮތުން އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގެ މިނީ ބަހުގެ ޚިދުމަތް ދޭނީ 3 ރޫޓެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތަށް ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ މަޖީދީމަގާއި އަމީނީމަގު އަދި އޯކިޑް މަގާއި ފަރީދީ މަގުގައި ކަމަށެވެ. މި ޚިދުމަތަށް 12 މިނީ ބަސް ރާއްޖެ ގެނެސްފައި ވާއިރު، ބަސް ދުއްވާ ރޫޓްތައް ކަނޑައަޅާފައި ވަނީ ސިއްހީ ޚިދުމަތް ދޭ ތަންތަނާއި، ސްކޫލްތައް އަދި އޮފީސްތަކަށް އިސްކަން ދީގެން ކަަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހު 5:45 ގައި ދަތުރުތައް ފަށާ ގޮތަށް މެންދަމު 12:15 އާ ހަމައަށް ދަތުރުތައް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި ހިމެނޭ މި ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ފަރުމާކޮށްފައިވަނީ މާލޭގެ ހަނި މަގުތަކުގައި ދުއްވޭގޮތަށް ބަލައިގެންކަމަށް އެމްޓީސީސީން ބުނެއެވެ. މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ވަނީ ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރި އޮންނަ ސަރަހައްދެވެ.

މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދުތަކެއްގައި ވަނީ ފަށާފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލ. އަތޮޅުގެ ރަށްތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް