ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި ގ. ކޯޒީ އިބްރާހިމް ޝަހުމްގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމް ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2014 ވަނަ އަހަރު ކުރި މި ޙުކުމް އިސްތިއުނާފުކޮށް، ދާދި ފަހުން ހައިކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައެވެ.
އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް ނުވަތަ ޑައިންގ ޑިކްލަރޭޝަން އަށް ބިނާކޮށްގެންނެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވައި ފަނޑިޔާރު ވިދާޅުވީ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށެވެ.
އަދި އަހުސަން މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ މަރާލާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ 2 މީހުންކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ޝިމާޒަށް އަސްލު ކުށްކުރި މީހާއަށް ދެވޭ އަދަބު ނުދެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޝިމާޒްގެ މައްޗަށް 15 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި ޝަހުމްގެ މައްޗަށް ވަނީ މަރުގެ އަދަބު އިއްވާފައެވެ.
އަދި މި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ވަނީ ބާތިލުކޮށްފައެވެ. ވުމާއެކު، އެ ޙުކުމް ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅީއެވެ.