ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 08:03
ޗެމްޕިއަން ޓީމަށް މިނިސްޓަރު މަޚްލޫފް ޓްރޮފީ ހަވާލުކޮށްދެއްވަނީ
ޗެމްޕިއަން ޓީމަށް މިނިސްޓަރު މަޚްލޫފް ޓްރޮފީ ހަވާލުކޮށްދެއްވަނީ
އެމްއެންޔޫއެސްޔޫ
ހަޔަރ އެޑިއުކޭޝަން ވޮލީ މުބާރާތް
ފަހަތުން އަރައި އައި.ޔޫ.އެމް ބަލިކޮށް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް އެމް.އެން.ޔޫއަށް
 
ފައިނަލް މެޗު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ހަޔަރ އެޑިއުކޭޝަނަށް ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)އިން ހޯދައިފިއެވެ.

އެމް.އެން.ޔޫ އިން ޗެމްޕިއަންކަން ހޯދީ ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ފަހަތުން އަރައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ބަލިކޮށްގެންނެވެ. ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޚްލޫފް ޝަރަފުވެރިކޮށްދެއްވި ފައިނަލް މެޗު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ އައި.ޔޫ.އެމް އިންނެވެ. އެމް.އެން.ޔޫ ޓީމަށް ހަމަނުޖެހެވިގެން އުޅެނިކޮށް އައި.ޔޫ.އެމް އިން ވަނީ ރަނގަޅު ފޯމެއްގައި ކުޅެ ދެ ސެޓު ހޯދާފައެވެ. ފުރަތަމަ ސެޓު އައި.ޔޫ.އެމް އިން 25-22 އިން ހޯދިއިރު، ދެ ވަނަ ސެޓު ހޯދީ 25-18 އިންނެވެ. ތިން ވަނަ ސެޓު ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދަން އައި.ޔޫ.އެމް އިން މުހިންމު ސެޓަކަށް ނުކުތްއިރު، މި ސެޓުގެ ކުޅުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ވާދަވެރިކޮށް ދިޔަ މި ސެޓު އެމް.އެން.ޔޫ އިން ވަނީ ފަހު ވަގުތު ކާމިޔާބުކޮށް، އުންމީދެއް ހޯދާފައެވެ. އެއީ 26-24 އިންނެވެ. ހަތަރު ވަނަ ސެޓުގައި އައި.ޔޫ.އެމްގެ ޓީމު ފެނުނީ ކުރިން ތިން ސެޓަށްވުރެ ދަށްކޮށެވެ. އެ ޓީމުގެ ކުޅުންތެރިންނަސް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި އެމް.އެން.ޔޫ އިން ވަނީ 25-14 އިން ސެޓު ހޯދައި، ސެޓުގެ ގޮތުން އެއްވަރުކޮށްފައެވެ.

ފައިނަލް މެޗުގެ ތެރެއިން - ކުޅިވަރާ ބެހޭ ވުޒާރާ

ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ވެސް ވަރަށް ވާދަވެރިއެވެ. 15 އިން ނިމެން އޮތް ސެޓުގެ ނިމުން ވަނީ 20 އަށް ދިގުލައިގެން ގޮސްފައެވެ. ގާތް ގާތުގައި ދެ ޓީމުން ވެސް ޕޮއިންޓު ހޯދި ސެޓުގެ ކުރީ ކޮޅު އެމް.އެން.ޔޫ އިން ލީޑު ނެގި ނަމަވެސް، އައި.ޔޫ.އެމް އިން ވަނީ އެއްވަރުކޮށް، ސެޓު ނިންމާލަން ވެސް ފުރުސަތު ހޯދާފައެވެ. ނަމަވެސް އެމް.އެން.ޔޫ އިން ވެސް ވަނީ ދެ ވަނަ ފަހަރަށް ލީޑު ހޯދައި ސެޓު ނިންމާލުމުގެ ފުރުސަތު ހޯދާފައެވެ. ދެ ޓީމަށް ވެސް ސެޓު ނިންމަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ފަހު ވަގުތު އެމް.އެން.ޔޫ އިން މި ސެޓު ކާމިޔާބުކުރީ 20-18 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫގެ އުމަރު ފާރޫގުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ އެވިޑު ކޮލެޖުގެ އިބްރާހިމް އާތިފް އަލީއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، އެވިޑު ކޮލެޖުގެ ސިރްހާން އަބްދުއް ސައްތާރު، އައި.ޔޫ.އެމްގެ ޔޫޝައު ޙަސަން، މައުޒޫން ނިޔާޒް، އެމް.އެން.ޔޫގެ އަލީ ނާއިފް، އުމަރު ފާރޫގް އަދި އަޙުމަދު އިޝާންއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމް.އެން.ޔޫގެ ޢަބްދުﷲ ޒަޔާންއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން - އެމްއެންޔޫއެސްޔޫ

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް