ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 15:00
ރިލްވާނާއި ޔާމީނުގެ މަރާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން
ރިލްވާނާއި ޔާމީނުގެ މަރާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން
ރާއްޖެއެމްވީ
ރިލްވާނާއި ޔާމީނުގެ މަރު
ރިލްވާނާއި ޔާމީނުގެ މަރު: ދައުލަތުން "މިނިވަން ފިކުރު" މާނަ ކުރާ ގޮތް ބުނެދޭން ބޭނުންވަނީ ސިއްރު އަޑުއެހުމެއްގައި
 
އެ ފަރާތްތައް މުޅިން އެކަހެރިކޮށް (ސޮލިޓަރީ ކޮންފައިންމަންޓް) ގައި ބާއްވާފައިވާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވޭ
 
ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވަމުން ދިޔަ "މިނިވަން ފިކުރު" ގެ މީހުން ފާހަގަކޮށް ފާރަލާފައިވާކަމަށް ދައުލަތުން ބުނޭ

ޔާމީން ރަޝީދު މަރާލި މައްސަލައާއި, އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ "މިނިވަން ފިކުރުގެ" މީހުންނަށް ފާރަލުމުގެ ތުހުމަތާއި ގުޅިގެން ދިފާއުގެ ސުވާލުތައް ދައުލަތަށް އަމާޒުވެއްޖެއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެފުރަތަމައަޑުއެހުމެވެ. އެގޮތުން މި އަޑުއެހުމުގައި ދިފާއީ ވަކީލު އަހުމަދު ޔާމީން ވަނީ ދައުލަތުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި "މިނިވަން ފިކުރު" ގެ މީހުންނަށް ފާރަލުން ހިމެނޭއިރު، ދައުލަތުން މިނިވަން ފިކުރު މާނަކުރަނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން އެއްވެސް ރަދީފަކުންވެސް އެ ބަސް މާނަކުރާ ގޮތް ބަޔާންވެފައި ނެތް ކަމަށާއި، ދިފާއު ބިނާ ކުރުމަށް އެ މައުލޫމާތު މުހިއްމުކަމަށް ވަކީލު ޔާމީނު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެ ކުށްތަކަށް މަގުފަހި ކުރުވުމަށްޓަކައި ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކާއި ގުޅިގެން، ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވަމުން ދިޔަ "މިނިވަން ފިކުރު" ގެ މީހުން ފާހަގަކޮށް ފާރަލާފައިވާކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، މިއީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުމަކަށްވާތީ، ސިއްރު އަޑުއެހުމެއްގައި އެ ވާހަކަތައް ދެއްކުމަށް ދައުލަތުން އެދޭ ކަމަށެވެ. ވުމާއެކު، އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

މި އަޑުއެހުމުގައި ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ އެ ފަރާތްތައް މުޅިން އެކަހެރިކޮށް (ސޮލިޓަރީ ކޮންފައިންމަންޓް) ގައި ބާއްވާފައިވާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގައި ލާއިންސާނީ ކަންކަން ހިނގަމުންދާކަމަށް ދިފާއީ ވަކީލު އަލީ ޝާހު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާލިބޭ ފަރާތްތައް ބައިތިއްބާފައިވާ ސަބަބުތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ސާފު ކުރައްވާނެކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާލިބޭ ފަރާތެއް ފޯނެއް ގެންގުޅުނު މައްސަލައެއްވެސް ފެންމަތިވެފައިވާ ކަމަށެވެ.

ވުމާއެކު، މި މައްސަލައިގެ ދިފާއީ ވަކީލު ޝާއިރު ވަނީ އެންމެ ކުޑަމިނުން މި މައްސަލައިގެ ދައުވާލިބޭ 3 މީހުން އެއްކޮށް ބޭތިއްބުމަށް އެދިލައްވާފައެވެ. އެގޮތުން ސޮލިޓަރީ ކޮންފައިންމަންޓަކީ ރާއްޖެއިން ބައިވެރިވެފައިވާ އެންޓި-ޓޯޗަރ މުއާހަދާތަކާވެސް ޚިލާފު ކަމެއްކަމަށް ދިިފާއުން ބުނެއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ. އެއީ އިދާރީ އަޑުއެހުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
25%
25%
0%
0%
25%
ކޮމެންޓް