ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 14:09
ރިލްވާނުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކުރި 3 މީހުން
ރިލްވާނުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކުރި 3 މީހުން
ރާއްޖެއެމްވީ
ޔާމީނާއި ރިލުވާންގެ މައްސަލަ
އަހަނދު، އިސޫ އަދި މުއާޒަށް ކުރާ ދައުވާގެ އަޑުއެހުން ސިއްރުކޮށްދޭން ދައުލަތުން އެދޭ
 
ރިލްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގެ ތުހުމަތު ދައުލަތުން ކުރޭ
 
3 މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
 
އެ 3 މީހުން ހައްޔަރު ކޮށްފައިވަނީ 26 ޖޫން 2022 ގައި

ޔާމީން ރަޝީދު މަރާލި މައްސަލައާއި, އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލަ އިތުރަށް ތަހުގީގުކޮށް، "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން" ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުމަދު އިސްމާއިލް (އަހަނދު)އާއި، އިސްމާއިލް އަބްދުލްރަހީމް (އިސޫ) ގެ އިތުރުން، އަހުމަދުމުއާޒް (ގަޓުމުއާ)އެވެ. އެ 3 މީހުން ހައްޔަރުކޮށްފައިވަނީ 26 ޖޫން 2022 ގައެވެ. އަދި 3 މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި އެ 3 މީހުން ހައްޔަރުކޮށްފައިވަނީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 1 އޯގަސްޓު 2022 ގައެވެ.

ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާހުއެވެ. ގާޒީ މިސްބާޙު ވަނީ ދައުވާލިބޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު އަލީ ޝާހު ވަނީ މަރު ކޮމިޝަނުން އަޑުއެހުމުގައި ބައިވެރިވާތީ އެކަމަށް އިއުތިރާޒު ކުރައްވާފައެވެ. ނަމަވެސް ދައުލަތުން ވަނީ މަރުކޮމިޝަނުގެ ފަރާތުން ހާޒިރު ކޮށްފައިވާ ފަރާތަކީ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ފަރާތެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ހެކިވެރިޔާއަކީ ދިފާއަށްވެސް ހެއްކެއްގެ ގޮތުގައި ހުށައެޅުމުގެ އިޙްތިމާލު އޮތް ފަރާތެއްކަމަށްވާތީ ދިފާއުން އެކަން ފާހަގަ ކުރުމުން ގާޒީ ވަނީ މަރު ކޮމިޝަނުން ޝަރީއަތުގެ އަޑުއެހުން ދޫކޮށް ދިއުމަށް ދަންނަވާފައެވެ.

އެއަށްފަހު ދެން ކުރިއަށް ދިޔައީ ލިއުންތައް ހަމަތޯ ކަށަަވަރު ކުރުމެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ދިފާއީ ވަކީލުން ވަނީ ލިއެކިއުންތަކާއި ގުޅިގެން ސާފު ކުރަންޖެހޭ ކަންކަމަށް އިދާރީ ގޮތުން އަޑުއެހުމެއް ކުރިއަށް ގެންދިއުމަށް އެދިލައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށްވެސް އެދި ހުށައަޅާފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމަވާނީ ދިފާއަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހުކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މި މައްސަލައިގެ އިދާރީ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށެވެ.

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ދައުލަތުން މި މައްސަލައިގެ އަޑުއެހުން ސިއްރުކޮށްދޭން ކޯޓުގައި އެދިފައިވާ ކަމަށެވެ. ދިފާއީ ވަކީލު ހަމްޒާ ލަތީފްވެސް މި އަޑުއެހުމުގައި ވަނީ މި މައްސަލައިގެ އަޑުއެހުންތައް ސިއްރު ކޮށްދިނުމަށް އެދިލައްވާފައެވެ.

ދައުލަތުންވެސް މި އަޑުއެހުމުގައި ވަނީ މި މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފިނަމަ މި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި، އަދުލު އިންސާފަށް ހުރަސް އެޅިދާނެކަން ދައުލަތުން ފާހަގަ ކުރެއެވެ.

ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމަކަށްވާއިރު އެކަމާ ގުޅިގެން ނިންމަވާ ގޮތެއް އަންގަވާނެ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ އިސްމާއީލް އަބްދުއްރަހީމް އާދަމްއާއި، އަހުމަދު އިސްމާއީލްގެ މައްޗަށްވެސް 2 ދައުވާއެއް ވަނީ އުފުލާފައެވެ.

އިސްމާއިލް އަބްދުއްރަޙީމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާއެކެވެ.

އަހުމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެކެވެ.

އޭގެ އިތުުރުން، އަހުމަދު މުއާޒުގެ މައްޗަށް 1 ދައުވާ އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް