މަގުމައްޗަށް އާންމުން ކުނި ނެރޭއިރު އެ ކުނިތައް ނަގަނީ ދޭ ޚިދުމަތެއްގެ ގޮތުގައެއް ނޫން ކަމަށް ވެމްކޯ އިން ބުނެފިއެވެ.
ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ޑޯޓުޑޯ ކަލެކްޝަން ސާވިސް ހޯދުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ)އިން ނެރުނު ބަޔާނާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެމްކޯ އިން މިހާރު ގޭގެ ދޮރު ކުރިމަތިން ކުނި ނުނަގާ ކަމަށެވެ. ކުރިން އޮތް ގޭގެ ދޮރުމަތިން ކުނި ނެގުމަށް އޮންނަ އުސޫލު މިދިޔަ އަހަރުން ފެށިގެން އުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ވެމްކޯގެ ޚިދުމަތް ރަޖިސްޓްރީ ކޮށްގެން ހޯދަނީ 14900 ގޭބީސީ އިން ކަމަށެވެ. ނަމަވެސް މާލެސިޓީގައި 27000 ގޭބީސީ ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އަދިވެސް ދެބައިކުޅަ އެއްބައި ގޭބީސީތައް ޚިދުމަތަށް ރަޖިސްޓްރީ ނުކުރާއިރު ކޮންމެ ދުވަހަކު ވެސް ކުނި ނަގާ މިންވަރަށް ބަދަލު ނާންނަ ކަމަށެވެ. މަގުމައްޗަށް އާންމުން ކުނި ނެރޭއިރު އެ ކުނިތައް ނަގަން މަޖުބޫރުވަނީ މަގުތައް ހަޑިވާނެތީ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު ގޭގެ ވެރި ފަރާތަށް ނޫނަސް ކުއްޔަށް އެޕާޓްމަންޓްގައި އުޅޭ މީހުންނަށް ޚިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ކުނި އުކާލުމާއި ބެހޭ ގޮތުން އީޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ފުރަބަންދާއިއެކު ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައި ވަނީ ޤައުމީ ކާރިސާއަކާ ގުޅިގެން އިތުރު ގޮތެއް ނެތުމާއެކީ މާލެ ސިޓީގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްގެންދިޔުމުގެ މަގްސަދުގައި ކަމަށެވެ
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރެވުނު ދުވަސްވަރު ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ. އެގޮތުން އާންމު ފަރާތްތަކަށާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށްވެސް އެކަން ބޮޑު ތަކްލީފަކަށް ނުވާނެހެން ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާނެކަމަށް އެ އެޖެންސީ އިން ބުނެފައި ވެއެވެ.
ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހޯދުމުގެ ގޮތުން އެއްވެސް ހާލަތެއްގައި ނުވަތަ އެއްވެސް ވަގުތެއްގައި މަގުމައްޗަށާއި ދުވާރު މައްޗަށް ކުނި ނޭޅުމަށް އީޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އީޕީއޭއިން ބުނީ ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުންވެސް ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނިފުނިޖަހައި ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި އެ ކުނިފުނިތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކުނީގެ ކަލެކްޝަން ޕޮއިންޓްތައް މަގުމަތީގައާއި ދުވާރުމަތީގައި ހަދައި ކުނި ޖަމާނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން މަގުމައްޗާއި ދުވާރު ސާފުކޮށް ބޭއްވުމަށް މަގުމައްޗަށާއި، ދުވާރު މައްޗަށް ކުނި ޖަމާނުކުރުމަށާއި، ކުނި މެނޭޖްކުރުމާއިބެހޭ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.