ދެކުނު އޭޝިއާގައި ދޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ގެ މިއަހަރުގެ މީޑިއާ ޕާޓްނަރަކަށް "ރާއްޖެ ޓީވީ" ހަމަޖައްސައިފިއެވެ.
އަންގާރަ ދުވަހު ރާއްޖެ ޓީވީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕާޓަނަރޝިޕް އެއްބަސްވުމައި ސާޓާ ގެ ފަރާތުން ސޮއި ކުރެއްވީ ހައިރައިޒްގެ ޑިރެކްޓަރ އަދި ކޯ ފައުންޑަރ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އެވެ. ރާއްޖެ ޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރ ނާޒުމީ ސައީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްމާއިލް ހަމީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ ޓީވީގެ ޒަރީއާއިން ސާޓާ އެވޯޑު ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ރާއްޖެޓިވީ އިން ސާޓާގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުން އުފާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސާޓާގައި ރާއްޖެޓީވީ އަޅުގަނޑުމެންނާއެކު މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އައުމަކީ އަޅުގަނޑުމެން ގަބޫލުރާ ގޮތުގައި މި އިވެންޓު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އޭގެ މެސެޖު ކޮންވޭ ކުރެވި، މަންޒަރާ އަޑު އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތް.ހައިރައިޒްގެ ޑިރެކްޓަރ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)
މި ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރ ނާޒުމީ ސައީދު ވަނީ ސާޓާ އެވޯޑުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޓިވީ ހިޔާރު ކުރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މީޑިއާ ޕާޓްނަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އުއްމީދަކީ މި އެވޯޑު ވަރަށް ކާމިޔާބު އެވޯޑަކަށް ވުން. އިރާދަކުރެއްވިއްޔާ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޓީވީން ކޮށްދޭން ޖެހޭ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ ކަމާއެކު ގެނެސްދޭނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،ރާއްޖެ ޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރ ނާޒުމީ ސައީދު
މިއަހަރުގެ ސާޓާ އެވޯޑު ބާއްވަން ހަމަނެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 29 އަދި 30 ވަނަ ދުވަހު އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ. މިއީ މިއެވޯޑު ބާއްވާ ހަ ވަނަ އަހަރެވެ.
މި ސަރަހައްދުގެ މަގުބޫލު އެވޯޑެއްގެ ގޮތުގައި ސާޓާ އެވޯޑު ފާހަގަ ކުރެވޭއިރު މި އެވޯޑު އެންމެ ފުރަތަމަ ދޭން ފެށީ 2016 ވަނަ އަހަރުއެވެ. މި އެވޯޑުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝާއި ބޫޓާނާއި ނޭޕާލުން ބައިވެރިވެއެވެ.
މި އެވޯޑް އަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާ އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޤައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން ވެސް އެންޑޯޒުކޮށްފައިވާ އެވޯޑެކެވެ.
މި އަހަރު 39 ކެޓަގަރީއަކުން އެވޯޑް ދޭން ވަނީ ނިންމާފައެވެ. މި އެވޯޑުތަކަށް 500 އަށްވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ ކަމަށް ހައިރައިޒުން މައުލޫމާތު ދީފައި ވެއެވެ. އެވޯޑަށް ހޮވޭނީ ތަޖުރިބާކާރު ޕެނަލަކުން ކުރިއަށް ގެންދާ އިވެލުއޭޝަން އަށާއި ނޮމިނޭޝަންތަކަށް ލިބޭ ވޯޓަށް ބަލައިގެންނެވެ.