ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 18:38
އަމީނީމަގުގައި ތާރުއަޅައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަމީނީމަގުގައި ތާރުއަޅައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އާރްޑީސީ
އަމީނީ މަގުގެ މަޝްރޫއު
އަމީނީ މަގުގައި ތާރުއަޅައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
މަގުގެ ފެން ހިންދާ ނިޒާމް ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފާރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އެޅިގެންދާ ގޮތަށް

އަމީނީމަގުގައި ތާރުއަޅައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަމަލީ މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އަމީނީމަގުގައި ތާރުއަޅައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލެސިޓީގެ ކުރީގެ މޭޔަރު މައިޒާން އަލީ މަނިކާއި މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަދި އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) އެވެ.

މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. ވިއްސާރަ މޫސުންތަކުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީ ކުރުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއެކު ސޮއި ކުރީ އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ އަމީނީ މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ އަށްޑިހަ ތިން ލާރި އަށެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރޭގައި އެ މަގަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަމީނީ މަގުގެ ޓޮޕޯ ގްރެފިކް ސާވޭ އާއި ޖިއޯޓެކްނިކަލް ސާވޭ އަދި ހައިޑްރޮޖިކަލް ސާވޭގެ އިތުރުން އީއައިއޭ ވަނީ ހަދާފައެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަމީނީމަގު 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިގެންދާއިރު، މަގުގެ ފެން ހިންދާ ނިޒާމް ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފާރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އެޅިގެންދާ ގޮތަށެވެ. އަދި ޑިޒައިންނަށް ރިޢާޔަތްކޮށް މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބެހެއްޓޭނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިން ނެޓްވޯކް އެޅިގެންދާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކައް އަންނާނެއެވެ. އަމީނީމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް، ހިނގާބިގާވެ އުޅުމައް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުމާއި ވީލްޗެއަރ އެކްސަސް ގާއިމްކޮށް، ފެނާ ނަރުދަމާ ނިޒާމް އަޕްގްރޭޓް ކުރެވޭނެއެވެ. ހަމަ އެއާއިއެކު ސްޓޭކް ހޯލްޑަރުން ކޭބަލްތައް އެޅުމައްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގްޝަންތަކެއް ބެހެއްޓިގެންދާނެއެވެ.

އާރްޑީސީން ބުނީ އަމީނީ މަގު ތަރައްޤީ ކުރެވިގެންދާނީ ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދީގެން ކަމަށާއި އަމީނީމަގު އިތުރަށް ފެހިކުރުމައްޓައި ޓްރީ ޕޮޓް ބެހެއްޓޭނެ ކަމަށެވެ. އަދި ކޮންމެހެން ނަގަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އަމީނީމަގުގައި ހުރި ގަސްތައް ނުކަނޑާނެ ކަމަށާއި އެގޮތަށް ގަހެއް ކެނޑިޔަސް އޭގެ ބަދަލުގައި އިތުރު ގަހެއް އިންދާނެ ކަމަށް އާރްޑީސީން ބުންޏެވެ. އަމީނީ މަގު ނިމިގެން ދާއިރު މަގުގައި ބަސް ހުއްޓިތަކާއި ޕާކިންޒޯންތައް ހެދުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކޮށް ބަމްޕަރުތައް ހެދިގެންދާނެއެވެ. މަގުގެ ދެފަޅީގައި މަގު ބައްތިތައް ހަރުކުރުމުގެ އިތުރުން މި މަޝްރޫޢުގައި 14،141 އަކަމީޓަރު (1.79ކިލޯ މީޓަރު) ގައި ތާރު ވެސް އެޅިގެންދާނެއެވެ.

- ކޮމެންޓް
31 އޯގަސްޓް 2022 | ބުދަ 10:54
ޏޮކް
ސިޔާސީ ހިޔާލު ތަފާތު ވުން ހުއްޓަސް މާލޭގެ މޭޔަރު ތި ދެއްކެވީ ރީތި ނަމޫނާއެއް.