ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 08:40
މެސީ އާޖެންޓީނާގެ ވޯލްޑްކަޕް ޖާޒީ ދައްކާލަނީ
މެސީ އާޖެންޓީނާގެ ވޯލްޑްކަޕް ޖާޒީ ދައްކާލަނީ
ަާއެޑިޑާސް
ވޯލްޑްކަޕް 2022
ވޯލްޑްކަޕް 2022: އެންމެ ރީތީ ކޮން ޖާޒީއެއް؟
 
ނައިކް އިން 12 ޖާޒީ، އެޑިޑާސްއިން 7 ޖާޒީ އަދި ޕޫމާއިން 6 ޖާޒީ ތައްޔާރުކުރި
 
އެންމެ ގިނަ ޖާޒީ ފަރުމާކޮށްފައިވަނީ ނައިކް ކުންފުނިން

ގަތަރުގައި މި އަހަރުގެ ނޮވެމްބަރު މަހު ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގިނަ ގައުމުތަކުގެ ޖާޒީތައް މިހާރުވަނީ ދައްކާލައިފަ އެވެ. މުބާރާތުގައި ވާދަކުރާ 32 ގައުމުގެ ޖާޒީ ތައްޔާރުކޮށްފައިވަނީ މައިގަނޑު ތިން ކުންފުންޏަކުންނެވެ. އެއީ ކުޅިވަރު ސާމާނު އުފެއްދުމަށް މަޝްހޫރު އެޑިޑާސް، ނައިކް އަދި ޕޫމާއިންނެވެ. މީގެ ތެރެއިން ޕޫމާއިން ހަ ގައުމު އަދި އެޑިޑާސްއިން ހަތް ގައުމެއްގެ ޖާޒީ ފަރުމާކުރާއިރު އެންމެ ގިނަ ޖާޒީ ތައްޔާރުކުރާނީ ނައިކީންނެވެ. އެމީހުންނަށް 12 ގައުމެއްގެ ޖާޒީ ލިބިފައިވެ އެވެ. ޑެންމާކުގެ ޖާޒީ ތައްޔާރުކުރީ ހުމެލްއިންނެވެ. އިކުއެޑޯގެ ޖާޒީ މެރަތަންއިން ތައްޔާރުކުރިއިރު އިރާންގެ ޖާޒީ ތައްޔާރުކުރީ އެގައުމުގެ މާޖިދު ކުންފުނިންނެވެ. ސްޕޯޓިފް ކުންފުނިން ކެމަރޫނުގެ ޖާޒީ ތައްޔާރުކޮށްދިންއިރު ޓިއުނީޝީޔާގެ ޖާޒީ ލާނީ ކައްޕާ ބްރޭންޑެވެ. ނިއު ބެލެންސް ކުންފުންޏަށް ލިބުނީ ކޮސްޓަރިކާގެ ޖާޒީ އެކަންޏެވެ.

އާޖެންޓީނާ އާއި ޖަޕާން އަދި ސްޕޭނާއި ޖަރުމަނުގެ އިތުރުން މެކްސިކޯ އާއި ވޭލްސްގެ ޖާޒީ ތައްޔާރުކުރީ އެޑިޑާސްއިންނެވެ. މި ޖާޒީތައް ފަރުމާކުރުމުގައި އެކުންފުނިން އެންމެ ބޮޑަށް އިސްކަންދީފައިވަނީ ކޮންމެ ގައުމެއްގެ ވެސް ގައުމީ ކުލަ އަށާއި އެގައުމެއްގެ ސަގާފަތާއި ވައްޓަފާޅީގެ ކޮންމެވެސް މިންވަރެއް ޖާޒީގައި ދައްކައިދިނުމަށެވެ.

"މީގެ އިތުރުން އަހަރުމެން ބެލިން މި ޖާޒީތަކަކީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ބޭނުންކުރާ ޖާޒީތަކަށްވެފައި މި ޖާޒީތަކަކީ އެތައް ޒަމާނަކަށް މީހުންގެ ހިތުގައި ބިންވަޅުނެގިގެންދާނެ ލެޖެންޑަރީ ޖާޒީތަކަކަށްވެދާނެ ކަމަށް. މިހެންވެ ކްރިއޭޓިވިޓީއާ އެއްވަރަށް ޖާޒީގައި ގައުމީ ވަންތަކަމަށް ސަމާލުކަންދީފައިވާނެ،" އެޑިޑާސް ކުންފުނީގެ ސީނިއާ ޑިރެކްޓަރ ފުޓްބޯލް ޔާގަން ރޭންޖް ބުންޏެވެ.

އެޑިޑާސް އާއި ނައިކް ކުންފުނިން އުފެއްދި ހުރިހާ ޖާޒީއަކީ ވެސް ކަނޑަށާއި އެކިއެކި ފަޅުފަޅާއި ގޮނޑުދޮށްތަކަށް އުލާލާފައިވާ ޕްލާސްޓިކް ރީސައިކަލްކޮށްގެން އުފެއްދި ޖާޒީތަކެވެ. މި ޖާޒީތަކުގައި ކުޅުންތެރިންނަށް ފިނިކަން އިހުސާސްކޮށްދޭނެ ހާއްސަ ލޭޔަރަކާއި ގައިން އޮހެރޭ ދާ ޖާޒީގައި ހަރުލިޔަނުދިނުމަށް ހާއްސަ ލޭޔަރެއް ލާފައިވެ އެވެ. އަދި ވޭލްސްގެ ކުޅުންތެރިންނަށް ޖާޒީ ލައިގެން ތިބޭއިރު ދަލުން ތެމިފައިވާކަމުގެ އިހުސާސްވިޔަ ނުދިނުމަށް ހާއްސަ ޕޮލިސްޓަރެއް ވެސް ބޭނުންކޮށްފައިވެ އެވެ.

ސްޕޭން، ޖަޕާން، ޖަރުމަނު އަދި ބެލްޖިއަމް، މެކްސިކޯ އާއި އާޖެންޓީނާގެ އަވޭކިޓް - އެޑިޑާސް

އާޖެންޓީނާގެ ޖާޒީ ތައްޔާރުކޮށްފައިވަނީ އެގައުމަށް ލިބުނު ތަށިތައް ހޯދިއިރު ލައިގެންތިބި ޖާޒީތައް އަސްލަކަށް ބަލައިގެންނެވެ. ހުދާއި ބޭބީ ނޫކުލައިގެ ރޮނގުދެމި ޖާޒީގައި އަތުކުރި އާއި އެޑިޑާސްގެ ފަށްތައް ދަމަން ނޭވީ ބްލޫ ބޭނުންކުރީވެސް މި ސަބަބަށްޓަކަ އެވެ. އާޖެންޓީނާގެ އަވޭ ޖާޒީން ފެނިގެންދާނެ އެންމެ ހާއްސަ ކަމަކީ ދެ ޖިންސުގެ ހަމަހަމަކަމެވެ.

ޖަރުމަނުގެ ޖާޒީ ތައްޔާރުކުރީ ޔޫރޯ 2008ގެ އަވޭ ޖާޒީ އަސްލަކަށް ބަލައިގެންނެވެ. ހުދާ ކަޅާއި ރަންކުލަ ހިމަނައިގެން ތައްޔާރުކުރި ޖާޒީއަށް އައި އެންމެ ބޮޑު ބަދަލަކީ ޖަރުމަނުގެ ދިދަ ކަރުން ފެންނަ ގޮތް ހެދުމާއި އެގައުމުގެ ލޯގޯ ޖާޒީގެ މެދަށް ގެނައުމެވެ. ޖަރުމަނުގެ އަވޭ ޖާޒީ ފަރުމާކޮށްފައިވަނީ ގައުމީ ކުލަތަކުގެ ތެރެއިން ގަދަރަތާއި ޑޮއިޗްލޭންޑް ސިފަވާގޮތަށް ޑީއަކުރުފާޅުވާނެހެންނެވެ.

ޖަޕާނުގެ ހޯމް އެންޑް އަވޭ ޖާޒީން ވެސް މައިގަނޑު ގޮތެއްގައި ބުނެދޭ ވާހަކަ އަކީ އެގައުމުގެ ކުރިއެރުމުގެ ހަލުވި ސްޕީޑެވެ. ޖާޒީގައި ދަމާފައިވާ ރޮނގުތަކުން ބުނެދެނީ އެވާހަކަ އެވެ. މެކްސިކޯގެ އަވޭ ޖާޒީން ދައްކުވައިދެނީ އެމީހުންގެ މަސައްކަތްތެރިކަމާއި ނުގުޑާފަދަ އަޒުމެވެ. ސްޕޭނުގެ ޖާޒީ ތައްޔާރުކޮށްފައިވަނީ އެގައުމުގެ ދިދަ އަސްލަކަށް ބަލައިގެންނެވެ. އެގައުމުގެ އަވޭ ޖާޒީ ހާއްސަކޮށްފައިވަނީ ސްޕޭނުގައި 1982 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި އެގައުމުން ބޭނުންކުރި ލޯގޯއަށް ރަމްޒުވާނެހެންނެވެ. ވޭލްސްގެ ގަދަ ރަތްޖާޒީން ދައްކުވައިދެނީ އެމީހުންގެ އިހުގެ އާދަކާދަ އާއި އަލިފާނުގެ ކުޅިވަރުތަކުގެ ކުރިއެރުންތަކެވެ.

ގާނާގެ ވޯލްޑްކަޕް ޖާޒީ: ސަޕޯޓަރުން މިޖާޒީއާމެދު ހިތްހަމަނުޖެހޭ.

ގާނާ މީހުން އެންމެ ބޮޑަށް ހިތްހަމަނުޖެހިފައިތިބީ ޕޫމާއިން ތައްޔާރުކޮށްފައިވާ އެގައުމުގެ އަވޭ ޖާޒީއަށެވެ. އެމީހުން ގަބޫލުކުރަނީ ގަދަ ރަތްޖާޒީގެ މޭމަތީގައި މާސިންގާކޮށް ގާނާގެ ދިދައާއި ނަންބަރުޖަހަން ހުސްގޮޅިއެއް ކުރަހާފައިވާ މި ޑިޒައިނަށްވުރެ ރަނގަޅު ޖާޒީއެއް ފަރުމާކުރެވެންވާނެ ކަމަށެވެ.

ބްރެޒިލްގެ ޖާޒީ އެހާރާއި މިހާރުގެ ކުޅުންތެރިން ދައްކާލަނީ

ނައިކްއިން ތައްޔާރުކުރި ބްރެޒިލް ޖާޒީގައި އެންމެ ފާހަގަ ކުރެވެނީ ފަސްފަހަރު ފަހަރު ވޯލްޑްކަޕް ހޯދިއިރު ހޯދިފަދަ ކުދި ކަރުލީ ޖާޒީއަކާއި ފެހިކުލައިން ގިރުވާން ތައްޔާރުކުރުމެވެ. ނޫކުލައިގެ އަވޭ ޖާޒީގެ އަތުގައި ފެހިކަން ގަދަކޮށްފައިވެ އެވެ.

ކްރޮއޭޝިޔާ ފެނިގެންދާނީ އެމީހުންގެ ރަސްމީ ރަތާއި ހުދުގޮޅިޖެހި ޖާޒީގަ އެވެ. އިނގިރޭސި ޖާޒީ ތައްޔާރުކޮށްފައިވަނީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ޖާޒީ އަސްލަކަށް ބަލައިގެންނެވެ. މިފަހަރުގެ ޖާޒީގެ ތަފާތަކީ ޖާޒީގެ ކަރު ނޭވީ ބްލޫ އިން އަދި މޭމައްޗާއި ކޮނޑު ސްކައި ބްލޫއިން ތައްޔާރުކޮށް ބާކީ ހުދުކުލަށް ދޫކޮށްލާފައިއޮތުމެވެ. އަވޭ ޖާޒީއަކަށް ބޭނުންކުރާނީ ރަތްކުލަ އެވެ. ޗެމްޕިއަންސް ފްރާންސް ލާނީ ނޭވީ ބްލޫކުލަ އެވެ. ދިފާއީ ޗެމްޕިއަންކަމަށްވާތީވެ ޖާޒީގެ މޭމަތި ޖަރީކޮށްފައިވަނީ ރަންކުލައިންނެވެ. މިފަހަރު ދިދައިގައިވާ ކުލަތަކަށް ސަމާލުކަންދީފައިނުވެ އެވެ. ޕޯޗުގަލްގެ ޖާޒީ ގަދަރަތާއި ފެހިކުލަ ޖައްސާފައިވަނީ ކަތިކޮށެވެ. އިހުގެ ޖާޒީތަކާ ވައްތަރުކުރުމަށް ނެދަލޭންޑްސްއިން ކުރިކަމަކީ ޖާޒީގެ ކުލަ އަލިކުރުމެވެ. އެމީހުން ބޭނުންކުރާނީ އޮރެންޖްގެ އެންމެ އަލިކުލަތަކާއި ކަޅުކުލަ އެވެ. މިފަހަރު އެންމެ ތަފާތު ޖާޒީއެއް ފެނިގެންދާނީ ނައިޖީރިއާއިންނެވެ. ފެހިކުލައިގެ ދެ ޝޭޑެއް ބޭނުންކޮށްފައިވާއިރު ޖާޒީ ތައްޔާރުކޮށްފައިވަނީ އަތުކުރެހުންތަކެއް ރަމްޒުވާގޮތަށެވެ.

ނައިޖީރިއާގެ ޖާޒީ: ވޯލްޑްކަޕުގައި މިފަހަރު ފެންނާނެ އެންމެ ތަފާތު ޖާޒީއަކީ މިއީ.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
14%
29%
14%
29%
0%
14%
ކޮމެންޓް