ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 21:46
ރެނަން ލޯޑީ
ރެނަން ލޯޑީ
ރޮއިޓާސް
ސަމަރ ޓްރާންސްފަރ
އެތުލެޓިކޯގެ ލޯޑީ ނޮޓިންހަމް ފޮރެސްޓްއަށް
 
ލޯނު އުސޫލުން ލޯޑީ ނޮޓިންހަމްއަށް ބަދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ވޯލްޑް ކަޕުގެ ކުރިން ވަރުގަދަ މެޗުތަކެއް ކުޅުން

އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ރެނަން ލޯޑީ ނޮޓިންހަމް ފޮރެސްޓްއަށް ބަދަލުވެއްޖެއެވެ.

ލޯޑީ ނޮޓިންހަމްއަށް ބަދަލުވީ އެއް އަހަރުގެ މުއްދަތަކަށް ލޯނު އުސޫލުންނެވެ. އުމުރުން 24 އަހަރުގެ ޑިފެންޑަރު ނޮޓިންހަމްއަށް ބަދަލުވިކަން ދެކްލަބުންވެސް ވަނީ ޔަގީންކޮށްދީފައެވެ. މި އެއްބަސްވުމުގެ ދަށުން ނޮޓިންހަމްއިން އެތުލެޓިކޯއަށް ފަސް މިލިއަން ޔޫރޯގެ ފީއެއް ދައްކާނެއެވެ. އަދި މި ސީޒަން ނިމުމަށްފަހު، ދާއިމީ އެއްބަސްވުމެއްގެ ދަށުން ލޯޑީ ނޮޓިންހަމްއަށް ގެންދިއުމުގެ ފުރުސަތުވެސް މި އެއްބަސްވުމުގައި ހިމަނާފައެވެ. ދާއިމީ އެއްބަސްވުމެއްގެ ދަށުން ނޮޓިންހަމްއަށް ލޯޑީ ބަދަލުވާނަމަ 30 މިލިއަން ޔޫރޯ އެތުލެޓިކޯއަށް ދައްކަން ޖެހޭނެއެވެ.

ލޯޑީ އެތުލެޓިކޯއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. ޕަރަނޭންސްއަށް އޭރު ކުޅުނު ލޯޑި ހޯދުމަށް އެތުލެޓިކޯއިން ވަނީ 25 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ. އެތުލެޓިކޯގައި ލޯޑީ ވަނީ 118 މެޗު ކުޅެދީ ހަ ލަނޑު ޖެހުމުގެ އިތުރުން 10 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ނަމަވެސް މިދިޔަ ސީޒަންގައި ތިން ސެންޓްރަލް ޑިފެންޑަރުން ބޭނުންކޮށްގެން އެތުލެޓިކޯއިން ކުޅެންފެށުމާއެކު ލޯޑީގެ ބޭނުންވަނީ ޓީމަށް ކުޑަވެފައެވެ. ލޯޑީއަކީ ވާއަތުފަޅިން ފަހަތަށް ކުޅޭ ޑިފެންދަރެކެވެ.

ލޯނު އުސޫލުން ލޯޑީ ނޮޓިންހަމްއަށް ބަދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ވޯލްޑް ކަޕުގެ ކުރިން ވަރުގަދަ މެޗުތަކެއް ކުޅުމެވެ. އެތުލެޓިކޯގެ ޓީމުން މިހާރު މަދު ފަހަރެއްގައި ޖާގަ ލިބޭ ލޯޑީއަށް ނޮޓިންހަމްގައި ރަނގަޅު ދައުރެއް އަދާކުރެވޭނެއެވެ. ލޯޑި ވަނީ މިހާތަނަށް ބްރެޒިލްގެ ޤައުމީ ޓީމަށް 15 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް