ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 17:02
ތިލަފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ވެމްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތިލަފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ވެމްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ވޭސްޓް މެނޭޖްމަންޓް ސެންޓަރ
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ، ވެމްކޯއާ ހަވާލުކޮށްފި
ތިލަފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ވަނީ ގެނެސްފައި
8 ރަށެއްގެ ލެގަސީ ވޭސްޓް ކަލެކްޝަނާގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި
ރާއްޖޭގެ 3 ސަރަހައްދެއްގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ގާއިމްކުރާނެ

ތިލަފުށީގައި ގާއިމުކޮށްފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފިއެވެ.

މި ސެންޓަރ ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި ވެމްކޯއާ ދެމެދު އާދިއްތަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

ދިވެހި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެމްވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އޭޑީބީގެ ހިލޭ އެހީއާއެކު ކުރިއަށްގެންދާ "ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ތިލަފުށީގައި ޒަމާނީފެންވަރުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން "ވޭސްޓް އެކްސެޕްޓަންސް އެންޑް ޕްރީ ޓްރީޓްމަންޓް އޭރިއާ"ގެ މަސައްކަތް ވަނީ ނިމިފައެވެ. މި ފެސިލިޓީގެ މަސައްކަތަށް ބޭނުންވާ ވެހިކަލާއި މެޝިނަރީ ވެސް ވަނީ ގެނެސް އިންސްޓޯލްކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އިފްތިތާހުކޮށްފައިވާ "ލެގަސީ ވޭސްޓް ޕްރޮޖެކްޓް"ގެ ދަށުން، ކ އަތޮޅު ދެކުނުބުރީގައި ހިމެނޭ; ގުރައިދޫ، މާފުށި އަދި ގުޅިއާއި، ވ އަތޮޅުގައި ހިމެނޭ; ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއާއެކު ޖުމްލަ 8 ރަށުގެ ލެގަސީ ވޭސްޓް ކަލެކްޝަނަށް، ވެމްކޯއާއެކު މިނިސްޓްރީއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އިނީޝިއޭޓިވްގެ ޒަރީއާއިން، ވެމްކޯއިން މި މުޖުތަމައުތަކުގައި ދިގު މުއްދަތަކަށް ކުނި މެނޭޖްކުރުމުގެ ބިންގާ އެޅިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަންސަރުއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑްގެ ފަރާތުން ސޮއިކުރައްވައިފައިވަނީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޔޫސުފް ސިރާޖްއެވެ.

ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ގާއިމްކުރާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކާއެކު ކުނީގެ މައްސަލައަށް ހައްލު އަންނާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. މިގޮތުން 3 ސަރަހައްދެއްގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ގާއިމްކުރެވިގެންދާނެއެވެ. އެއީ ތިލަފުށީގައި ގާއިމްކޮށްފައިވާ ސެންޓަރާއި، ރ. ވަންދޫގެ އިތުރުން އައްޑޫ ސިޓީގައި ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރެވެ.

- ކޮމެންޓް