ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 14:07
މި ސީޒަނަށް އަގުބޮޑުކޮށް ކުލަބު ބަދަލުކުރި ފާހަގަކުރެވޭ ކުޅުންތެރިން
މި ސީޒަނަށް އަގުބޮޑުކޮށް ކުލަބު ބަދަލުކުރި ފާހަގަކުރެވޭ ކުޅުންތެރިން
ފީފާ
ފީފާ ވޯލްޑްކަޕް 2022
އަގުބޮޑު ބައެއް ތަރިން ވޯލްޑްކަޕުގައި ޗޮކުން ހިނގައިދާނެ!
 
ނޫނޭޒް، ލިސަންދްރޯ އަދި ރިޗާލިސަން ފަދަ ކުޅުންތެރިންނަށް މިހާރު ފުރުސަތު ލިބެނީ ބެންޗުން

ގަތަރުގައި މި އަހަރުގެ ޑިސެމްބަރުމަހު ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބާއްވާނެ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އީދެވެ. މިހެންގެ ކޮންމެ ކުޅުންތެރިއަކު ވެސް ބަލަނީ މި މުބާރާތުގައި އެމީހުންގެ ވިދުން ވީހާ ގަދަކުރެވޭތޯ އެވެ. ވޯލްޑްކަޕް އޮންނަ އަހަރު ބައެއް ކުޅުންތެރިން ކުލަބު މެޗުތަކަށް އެންމެ ފުރިހަމަ ސަމާލުކަން ނުދެނީ ވެސް މިހެންވެ އެވެ. އިންޖަރީއެއްވެ މުބާރާތް ނުކުޅެވިދާނެތީ އެވެ.

ގަތަރުގައި މި އަހަރުގެ ނޮވެމްބަރު މަހު ފަށާ ވޯލްޑްކަޕުގައި ޔަގީން ވެސް ފެންނާނެ ތަރިންތަކެއް އެބަތިއްބެވެ. އާޖެންޓީނާގެ ލަޔޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ ކޭލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ނޭމާ އާއި ސްޕޭނުގެ އަންސޫ ފަޓީ ފަދަ ކުޅުންތެރިންނަށް މިހާރު ވެސް ގައުމީ ޓީމުގެ ޖާގަވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ކުލަބު ލެވެލްގައި ހާއްސަކޮށް މި ފެށުނު ސީޒަނާ ދިމާކޮށް އަގުބޮޑުކޮށް ކުލަބު ބައެއް ކުޅުންތެރިންނަށް ގައުމީ ޓީމުގެ ޖާގަ މުޅިން ޔަގީނެއްނޫނެވެ. މިހެންވެ މީގެ ތެރެއިން ބައެއް ކުޅުންތެރިން ވޯލްޑްކަޕުގައި ބެންޗުން ފެނުން ކައިރި އެވެ. ތިރީގައި މިބަލާލަނީ މިފަދަ ހައެއް ކުޅުންތެރިންނަށެވެ.

1. ލިސަންދްރޯ މާޓިނޭޒް (އާޖެންޓީނާ)

ލިސަންދްރޯ މާޓިނޭޒަކީ އިނގިރޭސި ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފަހަތަށް ދިމާވަމުން އައި މައްސަލަތަކަށް ހައްލު ހޯދުމަށް އެ ޓީމުން ގެންދިޔަ ޒުވާން ޑިފެންޑަރެވެ. އަޔެކްސް އަށް 57 މިލިއަން ޔޫރޯ ދިނުމަށްފަހު ގެންދިޔަ ޑިފެންޑަރު ވަނީ ޔުނއިޓެޑުގައި މޮޅަށް ކުޅެން ފަށައިފަ އެވެ. ނަމަވެސް ވާތްފަރާތާއި ސެންޓަބެކަށް ވެސް ކުޅޭ ކުޅުންތެރިޔާ އަށް ގައުމީ ޓީމުގެ ފުރަތަމަ 11އިން ޖާގަ ހޯދަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ކޯޗު ލަޔޮނަލް ސްކޮލޯނީ އަށް ލިސަންދްރޯ އަށް އިތުބާރުކުރިނަމަވެސް ކުރިމަތިވާ މައްސަލައަކީ ނިކޮލަސް އޮޓޮމެންޑީ އާއި ކްރިސްޓިއަން ރޮމޭރޯ ގައުމީ ޓީމުގެ ފަހަތުގައި ދައްކަމުން އަންނަ މޮޅު ކުޅުމެވެ. އެންމެ ފަހުގެ ކޮޕާ އެމެރިކާ އާއި އިޓަލީ ބަލިކޮށް ފައިނަލިސިމާ ތަށި ހޯދީ ވެސް މި ދެ ކުޅުންތެރިން ފަހަތުގައި ކުޅުވައިގެންނެވެ.

2. ޑަރްމިން ނޫނޭޒް (އުރުގުއޭ)

ލިވަޕޫލްގެ ކުރި މި ސީޒަނަށް ވަރުގަދަ ކުރުމަށް ގެންދިޔަ ކުޅުންތެރިއަކީ އުރުގުއޭގެ އިސްކޮޅުން ދިގު ފޯވަޑް ޑަރްމިން ނޫނޭޒް އެވެ. ފުރަތަމަ މެޗުގައި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްދޭން މޮޅަށް ވެސް ކުޅުނެވެ. ނަމަވެސް ބެންފީކާ އަށް 75 މިލިއަން ޔޫރޯ ދީފައި ގެންދިޔަ ކުޅުންތެރިޔާ ޖެހިގެން އައި މެޗުގައި ކުރީ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްގެ ކިބައިން މީގެ ކުރިން ފެނިފައިދާފަދަ ބޭއަދަބީ ކުށެކެވެ. ބޯޅަ ނެތީސް ސުއަރޭޒް ކުޅުންތެރިއެއްގެ ކޮނޑުގައި ދަތް އެޅީ ވޯލްޑްކަޕް 2014ގަ އެވެ. ނޫނޭޒް ކުރީ އަދި މިއަށްވުރެ ގޯސް ކަމެކެވެ. ކްރިސްޓަލް ޕެލަސްގެ ޔޯހިމް ހެންޑަސަންގެ މޭގައި ގަސްތުގައި ބޮލުންޖަހައި ބިމާހަމަކޮށްލީ އެވެ. މިކުށުގެ އަދަބަށް އޭނާ މިވަގުތު ހުރީ ތިން މެޗުގެ ސަސްޕެންޝަނެއްގަ އެވެ. މިއާއެކު ރުޅި ކޮންޓްރޯލްކޮށް ނާޒުކު ވަގުތުތަކުގައި އަމިއްލަ ނަފްސު ހަންމަތަކުރަން ދަސްކުރަންޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ނޫނޭޒް އަށް ބުނެދީފަ އެވެ. ނޫނޭޒްގެ މިފަދަ ކުއްލި ހަރަކާތްތަކަކީ ބޮޑު މުބާރާތެއްގައި އޭނާ އަށް އުރުގުއޭގެ ކުރި ހަވާލުކުރަން ކޯޗު ޖެހުލުންވާ ސަބަބެވެ. ބިޔަ ހަށިގަނޑާއި އިސްކޮޅާއި ބޮލުންޖެހުމުގެ ކުޅަދާނަކަމާއި ބާރު ސްޕީޑުގެ ހުއްޓަސް އޭނާ އަށްވުރެ އުމުރުން ދެބައި އުމުރަށް އެޅިފައިވާ މުސްކުޅި ދެ ފޯވަޑަކީ ޓީމުގައި ތިބުމަކީ ވެސް ނޫނޭޒަށް ބެންޗަށް ލާން ކޯޗަށް މަޖުބޫރުވާ ހާލަތެކެވެ. ސުއަރޭޒް އާއި އެޑިންސަން ކަވާނީ އަކީ އުރުގުއޭ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ދެ ފޯވަޑުންގެ އިތުރުން އެމީހުން ނުލައިފިނަމަ ސަޕޯޓަރުންގެ ރުޅި ކޯޗަށް އަމާޒުވާހާ މޮޅު ދެ ފޯވަޑުންނެވެ.

3. ކަލްވިން ފިލިޕްސް (އިންގްލޭންޑް)

ލީޑްސް ޔުނައިޓެޑުނަށް 50 މިލިއަން ޔޫރޯ ދީފައި ކަލްވިން ފިލިޕްސްގެ ސޮއި ހޯދީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. އޭނާ އަކީ ކޮންމެ ކޮންމެ ކުޅުންތެރިއަކު ގެންދާނެ ކޯޗެއްނޫނެވެ. ނަމަވެސް ސިޓީގެ ސްކޮޑް ވަރުގަދަ ކަމާއި މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ވާދަވެރިކަމާހުރެ ފިލިޕްސް އަށް މެޗެއް ކުޅެންލިބޭނީ މަދު ފަހަރަކު އެވެ. މިއީ އިނގިރޭސި ކޯޗު ގެރެތް ސައުތުގޭޓަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކެވެ. ފިލިޕްސް އަކީ އެންމެ ފަހުގެ ޔޫރޯ ފައިނަލް ކުޅުނު އިނގިރޭސި ޓީމުގެ މެދުތެރެގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.

4. ރިޗާލިސަން (ބްރެޒިލް)

ޓޮޓެންހަމުގެ ފޯވަޑްލައިން ވަރުގަދަ ކުރުމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންދިޔަ ކުޅުންތެރިއަކީ އެވަޓަން އަށް ކުޅެމުން އައި ބްރެޒިލްގެ ރިޗާލިސަން އެވެ. އޭނާ ގަތުމަށް 71 މިލިއަން ޔޫރޯ ހޭދަކުރި ނަމަވެސް މިއަގާ އެއްވަރުގެ ކުޅުމެއް އަދި ރިޗާލިސަން އަށް ނުދެއްކެ އެވެ. މިހެންވެ އަމާޒުވަމުންދާ ފާޑުކިއުންތައް މައިތިރިކުރުމަށް ކޮންޓޭ ބުނީ ޓީމަށް ހޭނެން ކުޅުންތެރިޔާ އަށް ވަގުތު ބޭނުންވާނެ ކަމަށާއި ކޮންމެ މެޗެއްގައި އެއް ކުޅުންތެރިންތަކެއް ފުރަތަމަ 11އިން ނުފެނިދާނެ ކަމަށެވެ.

ނަމަވެސް ބްރެޒިލްގެ ކޯޗު ޓިޓޭ، ރިޗާލިސަން އަށް ވަރަށް ބޮޑަށް އިތުބާރުކުރެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ބްރެޒިލަށް އޮލިމްޕިކް ގޯލްޑް މެޑަލް ހޯދައިން ޓީމުގައި ކުޅުނު ރިޗާލިސަން އަކީ ކިތަންމެ ގޮތަކަށް ބޭނުންކުރެވިދާނެ މޮޅު ނުވަ ނަމްބަރު ފޯވަޑެކެވެ. ނަމަވެސް ޓޮޓެމްހަމުގެ ބެންޗުގައި މާގިނައިން އިންނަންވެއްޖެނަމަ ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އާއި ރޮޑްރީގޯ އާއި އާސެނަލްގެ ގަބްރިއަސް ހެސޫސް އާއި ގަބްރިއަލް މާޓިނެއްލީ، އަދި ޕީއެސްޖީގެ ނޭމާ އާއި އަޔެކްސްގެ އެންތަނީ، އާއި ބާސެލޯނާގެ ރަފީނިއާ ކުޅެންތިބި ފޯވަޑް ލައިނުން ވެސް ރިޗާލިސަން އިސާހިތަކު ގެއްލިދާނެ އެވެ.

5. އައުރެލިން ޗުއާމެނީ

ފްރާންސް ޓީމަކީ މޮޅު މިޑްފީލްޑަރުން ގިނަ ޓީމެކެވެ. މީގެ ތެރެއިން މޮނާކޯ އަށް 80 މިލިއަން ޔޫރޯ ދީފައި ރެއާލް މެޑްރިޑުން ގެންދިޔަ އައުރެލިން ޗުއާމެނީ އަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަން އޭނާގެ އަގުން އެކަނި ވެސް ހެކިދެއެވެ. ނަމަވެސް ޗުއާމެނީ އާއި އެޑުއާޑޯ ކަމަވިންގާ މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗަށްފަގު މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ މި ދެ ކުޅުންތެރިންގެ ކުޅުމާމެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އެނގިހުރި އެއްވެސް ކަމެއްގެ ބޭނުން ދެ ކުޅުންތެރިން ވެސް ދަނޑުމަތީގައި ހިފާފައިނުވާ ކަމަށެވެ.

އެންމެ ފަހުގެ ވޯލްޑްކަޕް ފްރާންސަށް ހޯދައިދިން ދެ މިޑްފީލްޑަރުން އަދިވެސް ޓީމުގައި ގަދަވެ ހެޔޮހާލުގައި އެބަތިއްބެވެ. ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭ އަކީ ކޯޗު ޑިޑިއޭ ޑެޝޯންގެ އިތުބާރު އޮތް ދެ ކުޅުންތެރިންނެވެ. ނަމަވެސް އެ ދެކުޅުންތިން ތިއްބައި ޑެޝޯން މިހާތަނަށް ބުނަމުންދިޔައީ ޗުއާމެނީ އަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް މާމޮޅު މިޑްފީލްޑަރެއް ކަމަށެވެ. އެކަމަކު ވޯލްޑްކަޕުގައި ފްރާންސަށް ކުޅެން ޗުއާމެނީ އަށް މެޑްރިޑުގައި ރަނގަޅު ކުޅުމެއްގައި ދެ ކޯޗުންގެ ވެސް އިތުބާރު ގާއިމްކުރަންޖެހޭ އެވެ.

6. ވިޓީނިއޯ (ޕީއެސްޖީ)

ފްރާންސްގެ ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ކުރާ މަސައްކަތަށް ބާރުދިނުމަށް މި ސީޒަނުގައި ގެންދިޔަ އެންމެ މުހިންމު ކުޅުންތެރިއަކީ ޕޯޗުގަލްގެ 22 އަހަރުގެ މިޑްފީލްޑަރު ވިޓީނިއާ އެވެ. ފްރާންސްގެ ޕޯޓޯއިން އޭނާ ގަތީ 41 މިލިއަން ޔޫރޯ ދީފަ އެވެ. މިއީ މިހާ ޒުވާން ކުޅުންތެރިއަކަށް ބަލާއިރު މަދު އަދަދެއްނޫނެވެ. ނަމަވެސް އޭނާ ވަނީ ޕީއެސްޖީގެ ފުރަތަމަ ތިން މެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ފޯވަޑުންނަށް ފަހިކޮށްދީފަ އެވެ. މި ފޯމު ހިފެހެއްޓުމަކީ ވޯލްޑްކަޕުގައި ޕޯޗުގަލްގެ މެދުތެރެއިން ޖާގަ ހޯދަން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ ވޯލްޑްކަޕުގައި ޕޯޗުގަލްގެ މެދުތެރެއަށް ވާދަކުރަންތިބި ކުޅުންތެރިންގެ އަދަދު ގިނަކަމުންނެވެ. ޖޯ މޮޓީނިއޯ އާއި ބުރޫނޯ ފެނާންޑޭޒް އަދި ބެނާޑޯ ސިލްވާ އާއި ވިލިއަމް ކަވާޅޯ ފަހަތަށް ޖައްސާލެވޭނީ ވަރަށް މަސައްކަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
30%
0%
0%
40%
20%
10%
ކޮމެންޓް