ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާކުރައްވާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުންކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހިފައިގެންކަމަށާއި، އެ މަގަށް ވަރަށް ގިނަ މަސއްކަތް ކުރެވިއްޖެކަމަށެވެ. މިއަދު މިއާދެވުނީ އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެއްގެ ނަތީޖާއާ ހަމައަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އާދެ މިއަދު ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އަޅުގަނޑު އެންމެ އުފާކުރާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުން. މިއަދު މިތިބީ އެނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފަ. އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަންހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ
މަސްތުވާތަކެތީގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ އެ ވަބާއަކީ ބައިޤަރުނެއްހާ ދުވަސްވީ ވަބާއެއްކަމަށާއި, މަސްތުވާތަކެތީގެ ވަބާ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރި އެކަމާމެދު ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. މިކަމުން އަރައިގަތުމަށް ވަރަށް ބުރަ ވަރަށް ގިނަ މަސައްކަތްތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިން މުޅި މުޖުތަމައުގެ ތެރެއިން, ހުރިހާ ރައްޔިތުންގެ ތެރެއިން ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުށްމަދު އަމާން މުޖުތަމައުއެއް ޤާއިމްކުރަން ކުރަން ޖެހޭ ތިންކަމެއް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ތަޖުރިބާކާރުންގެ ވާހަކަތަކަށް ރިއާޔަތްކުރައްވާ މިނިސްޓަރު ވިދާޅުވީ އެތިންކަމަކީ ވަށާޖެހޭ ފުރިހަމަ ޤާނޫނަކާއި, އެޤާނޫނު ތަފާތުކުރުމެއްނެތި ހަމަހަމަކޮށް ފުރިހަމައަށް ތަންފީޒުކުރުމާއި, ފުރިހަމަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގުންކަމަށެވެ. އެތިންކަންތަކާއި ނުލާ ކުށްމަދު މުޖުތަމައެއް ޤާއިމްނުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރެއިން ތިންވަނަ ކަންތައް ކަމަށްވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ޚާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެންމެ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ބެއްލެވީ ވެސް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަކުރުންކަމަށެވެ. މިދައުރު ފެށިއިރު ރިހެބިލިޓޭޝަނަށް އެންމެ ރަނގަޅު ސަމާލުކަން ދެވިފައި ނެތްކަމަށާއި, ނަމަވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ރިހިބިލިޓޭޝަން ކޮމާންޑެއް އުފެއްދެވިކަން ފާހަގަކުރެއްވިއެވެ. ކަރެކްޝަންގެ މުޅި އޮނިގަނޑަށް އެބަދަލުތައް ގެންނެވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސްރާބު ހިފައިގެން މިތިބީ ރިހިބިލިޓޭޝަން ކޮމާންޑްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ ފުރިހަމަ ތައުލީމާއި, ތަމްރީނު ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމަށްހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ
މިނިސްޓަރު ވިދާޅުވީ ރަނގަޅު ރިހިބިލިޓޭޝަން ނިޒާމެއް ޤާއިމްކުރެވޭނީ އެމަސައްކަތް ކުރެވިގެންކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ޤައިދީއަކު ރިހެބިލިޓޭޓްވެގެން ނުކުތުން ކަމަށެވެ. މިނިސްޓަރުނޢިމްރާން ޢަބްދުالله ވިދާޅުވީ ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމްހެދި، ރިހިބިލިޓޭޓް ކުރެވިގެން ނުކުންނާނެ ތަނަކަށް ވެގެންދާނެކަމަށެވެ. ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާ މުހާތަބުކުރައްވާ މިނިސްޓަރު ވިދާޅުވީ އެއްވެސް ބޭފުޅަކު, ޤައިދީއެއްގެ ގޮތުގައި ޖަލުގެ ހަތަރުފާރުގެ ތެރެއިން ފެންނަން އެދިވަޑައިނުގަންނަވާކަމަށެވެ. އެކަން ނުކުރެއްވުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.